ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ގާއިމުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީންގެ ބުނީ ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށްގެންދިޔަށްގެންދިޔައީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކްމާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދް ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ.

އެ ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ، އެއީ އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫއެއް ކަމަށެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، އެފަދަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމާ އެކު، މި މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެން ގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ކުއްޖަކަށް ވެސް، އެ ކުއްޖަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

2 އެޕްރިލް 2026؛ ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ ހަޔާއެޑިއުކޭޝަން މިނިސްޓްރީ

"މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ހޯދޭނެ ފަހި މާހައުލެއް ބިނާކޮށްދިނުމެވެ. ދިއްދޫގައި ތަރައްގީ ކުރާ މި އެކަމަޑޭޝަން ބްލޮކަކީ ފާހާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރިތަކެއް ހިމެނޭ ތަނެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިން، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ." ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދިއްދޫގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ތަރައްގީ ކުރަމުންދާ ޖޫނިއާ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިން އަދި އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނު ކުރުމަށް ހާއްސަ ކުރެވިފައިވާ މަރުކަޒެކެވެ.

އެ މަޝްރޫއުގެ ސަބަބުން، އެ ކޮލެޖުން ތައުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަވެ، ތައުލީމީ ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.