ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ ބިސް ބުރު ސްޕޯޓްސް ކްލަބާއި ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި މެޗު، ބިސް ބުރުން ކާމިޔާބު ކޮށްފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބިސް ބުރުން ދިއްދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ބިސް ބުރުން ފުރަތަމަ ޑިވިޝަނަށް އައިސް ހޯދި ފުރަތަމަ މޮޅެވެ. ބިސް ބުރަކީ މާލޭ ރީޖަން ލީގު (ދެވަނަ ޑިވިޝަން)ގެ ޗެމްޕިއަން ޓީމެވެ. އަނެއްކޮޅުން އެޓީމާ ދެކޮޅަށް ނުކުތް ދިއްދުއަށްވެސް މިއީ ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ސީޒަނެވެ. ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ދިއްދޫން މިހާތަނަށް ލީގުގައި ވަނީ ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ކުރީކޮޅުގައި ދިއްދޫ ތައުމީން ނޫހު ކުރީކޮޅުގައި ފޮނުވާލި ހަމަލާ ދިޔައީ މަތިންނެވެ. އަދި މެދުތެރެއިން ރަނގަޅަށް އެނބުރިލާފައި ޓެޓޭ ގިޑިއޯން ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ.

އޭގެފަހުން ހާފު ނިމެން ދަނިކޮށް، ބިސް ބުރުގެ ހުސެއިން ޝުހާދު ޝުހާނަށް ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާ މަތަކުރީ މުހައްމަދު ޝިފާނެވެ. ބިސް ބުރަށް މެޗުގައި ފައިދާވީ ހާފު ނިމެން ދަނިކޮށް، ދިއްދޫގެ ތައުމީނަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ.

އިންޓަނޭޝަނަލް ބްރޭކް ކުރިން ބިސް ބުރުން މޮޅެއް ހޯދި މެޗުގެ ހަމައެކަނި ގޯލް ފެނުނީ 68 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ބާނަބާސް ފްރައިޑޭ އަކަންމިޑޫއެވެ. އޭނާ އެ ގޯލް ޖެހީ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ގޯލަށް އަމާޒުކޮށްލައިގެންނެވެ.

ދިއްދޫން ފަހުކޮޅުގައި އެއްވަރުކުރަން ކުރި މަސައްކަތުގައި ހުސައިން ޒިމްޔާން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ. އަދި އެންމެ ފަހުވަގުތު ބަދަލަކަށް ނުކުތް ދިއްދޫގެ އާދަމް އާޒިމް ފޮނުވާލި ބާރު ހަމަލާ މަތަކުރީ ބިސް ބުރުގެ ކީޕަރު އަހުމަދު ލިޒްފާނެވެ.