މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފިންލިޓް ފެސްޓްގެ ދަށުން އިއްޔެ ހއ. ދިއްދޫގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައި، އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ހަވީރުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ އިރު، ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއެކު ކުދިންނަށް އިނާމުތައްވެސް ދީފައިވެއެވެ. ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ދީފައިވާ އިރު، ގިފްޓް ކާޑާއި އެ ނޫންވެސް އެކި އިނާމުތައް ބައިވެރިންނަށް ލިބިފައިވެއެވެ.
ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ހާއްސަ ހަރަކާތްތައް މި ހަވީރުގެ ތެރެއިން ހިންގާފައިވެއެވެ. އެގޮތުން ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ސްޓޯލެއް ބަހައްޓައި، ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކުރެވެމުން އައި ފައިސާ ފޮއްޗާއި ނޫޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެމްއެމްއޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ. އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ދިއްދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންވެސް މި ހަރަކާތަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހއ. ވަށަފަރުގައެވެ. މީގެ އިތުރުން ފިންލިޓް ފެސްޓްގެ ދަށުން ހއ. އަތޮޅުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމާ ބެހޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ.
ކޮމެންޓް