އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން މެންޗެސްޓާ ސިޓީއާ އެއްވަރު ކުރި އިރު، ލިވަޕޫލަށްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ލިވަޕޫލުން ފުލަމް ކައިރިން ރޭ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އަދި ޗެލްސީން ފަހުވަގުތު ސިޓީ ދަނޑުގައި ޕޮއިންޓެއް ހޯދީ 1-1 އިން އެއްވަރު ކޮށްގެންނެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އާސެނަލް އޮތީ 20 މެޗުން 48 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއާއި ތިންވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާ އިރު، އެދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެކެވެ.
ސިޓީއަށް ރޭގެ މެޗުން ގެއްލުނު ދެ ޕޮއިންޓާއެކު އާސެނަލަށް ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އާ އަހަރު ފެށުނު އިރު އާސެނަލަށް އެއްވަނައިގައި ހަމަޖެހިލެވިފައި އޮތުމަކީ 2003-04 ވަނަ އަހަރު ސީޒަނަށްފަހު ލީގު ހޯދުމަށް ކުރާ މަސައްކަތުގައި ކާމިޔާބެކެވެ.
ލިވަޕޫލާއި ފުލަމް ވާދަކުރި މެޗަކީ ޑްރާމާ ބޮޑު މެޗެކެވެ. މެޗުގެ 17 ވަނަ މިނެޓުގައި ފުލަމްގެ ހެރީ ވިލްސަން ޖެހި ގޯލުން ފުލަމް ލީޑު ނަގާފައިވާ އިރު، އެއީ މެޗުގައި އެޓީމުން އުފެއްދި ފުރަތަމަ ހަމަލާއެވެ.
އޭގެފަހުން ދެވަނަ ހާފުގައި ލިވަޕޫލުން ނުރައްކާ ބޮޑުކޮށްފައިވާ އިރު، އެލެކްސިސް މެކް އަލިސްޓާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
އެ ނުރައްކާތަކާއެކު 57 ވަނަ މިނެޓުގައި ލިވަޕޫލަށް އެއްވަރު ކޮށްދިނީ ފްލޯރިއަން ވާޓްސްއެވެ.
އޭގެފަހުންވެސް ފުލަމްއިން ނުރައްކާ ކުރި އިރު، ވިލްސަންގެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއެވެ. ފޯރިގަދަކޮށް ނިމެން ދިޔަ މެޗުގެ 91 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ލިވަޕޫލަށް ލީޑު ނަގައިދިން ނަމަވެސް، 97 ވަނަ މިނެޓުގައި ހެރިސަން ރީޑް އަނެއްކާވެސް މެޗު އެއްވަރުކުރިއެވެ.
ޗެލްސީން ރޭ އެތިހާދު ސްޓޭޑިއަމްގައި އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ޑޮމިނޭޓް ކުރިއެވެ. އާލިން ހާލަންޑްގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވި އިރު، އެޓީމަށް ގޯލް ޖަހައިދިނީ ޓިޖާނީ ރެއިންޑާސްއެވެ.
ދެވަނަ ހާފުގެ ބޮޑުބައެއްގައިވެސް ސިޓީން މެޗު ކޮންޓްރޯލް ކުރި އިރު، ޗެލްސީން އެއްވަރުކުރީ އެންމެ ފަހު މިނެޓުގައެވެ. އޭރިއާ ތެރެއިން އެންޒޯ ފެނާންޑޭޒް ގޯލް ޖެހީ ހުސް ފުރުސަތަކަށް އަރައި ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. އޭނާގެ ފުރަތަމަ ހަމަލާ ސިޓީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި ނަމަވެސް ރީބައުންސް ގޯލަށް ވައްދާލިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު