ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުތަކުން އަތޮޅު ޗެމްޕިއަން ނައިވާދުއާއި ނެއްލައިދޫގެ އިތުރުން ނޮޅިވަރަންފަރު އަދި ހަނިމާދޫވެސް މޮޅުވެއްޖެއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން މިއަދު ހަވީރު ފަށާފައިވާ އިރު، ފުރަތަމަ ކުޅުނީ ހދ. އަތޮޅުގެ މެޗުތަކެވެ. ހދ. އަތޮޅުން ޖުމުލަ 10 ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެ އަތޮޅު ގްރޫޕް އޭގައި ހަނިމާދޫން މިއަދު ކުޅުނު މެޗުގައި މަކުނުދޫ ބަލިކުރީ 5-0 އިންނެވެ.

އެމެޗުގައި ހަނިމާދޫގެ އަބޫބަކުރު ސިއްދީގު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަނިމާދޫގެ ކެޕްޓަން އަލީ ހުސައިންގެ އިތުރުން އަހުމަދު ޒަޔާން އަދި ހުޒާމް އަބްދުލް ރަހީމެވެ.

ހަނިމާދޫން މިއަދު ކުޅުނު މެޗުގައި އެޓީމުގެ ކެޕްޓަން އަލީ ހުސައިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ގްރޫޕުގައި ދެން ކުޅުނީ ނޮޅިވަރަންފަރާއި ނޮޅިވަރަމް ވާދަކުރި މެޗުގައި ނޮޅިވަރަންފަރުން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

އެމެޗުގައި ނޮޅިވަރަންފަރުގެ އަހުމަދު ސިޒާން ގޯލެއް ޖަހާފައި އޮއްވައި، ނޮޅިވަރަމުން ވަނީ ހަމްޒާ އަބޫބަކުރުގެ ގޯލުން މެޗު އެއްވަރު ކޮށްފައެވެ. އެ ގޯލާއެކު މެޗު އެއްވަރުވެފައި އޮއްވައި ނޮޅިވަރަންފަރުން ގޯލްތައް ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަންއާއި މުހައްމަދު ރިޔާޒް އަދި މުހައްމަދު ސާމިހް ފަތުހުﷲއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ރިޔާޒެވެ.

ނޮޅިވަރަމާއި ނޮޅިވަރަންފަރު ވާދަކުރި މެޗުގެ ތެރެއިން އިއްބެ ވަހީދު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ އަތޮޅުގެ ގްރޫޕް ބީގައި ނެއްލައިދޫން ވައިކަރަދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ނެއްލައިދޫގެ އަހުމަދު ރީހާން ދެ ގޯލް މެޗުގައި ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ މުހައްމަދު ފާރިސްއެވެ.

އެ ގްރޫޕުގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން އަދި މުބާރާތުގެ ރަނަރަޕް ނައިވާދޫން މިއަދު ފެށުން ރަނގަޅުކުރީ ފިނޭ ކައިރިން 4-0 އިން މޮޅުވެގެންނެވެ.

މިފަހަރުގެ މުބާރާތް ނައިވާދުއަށް ފަށަން ޖެހިފައި ވަނީ ބައެއް މުހިއްމު ކުޅުންތެރިންނާ ނުލައެވެ. ގައުމީ ޓީމަށް ބައެއް ކުޅުންތެރިންނަށް ރިލީސް ދިނުމުގެ އިތުރުން އަނިޔާގެ މައްސަލައާވެސް އެޓީމަށް އޮތީ ކުރިމަތިވެފައެވެ.

މެޗުގައި ނައިވާދޫގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން ޔާމިން މުހައްމަދާއި ޔޫސުފް ޝާއިފްގެ އިތުރުން މުހައްމަދު ނިހާދު އަދި މުހައްމަދު އަސްލަމެވެ.

ނައިވަދުއާއި ފިނޭ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.

މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.