ރަހީނުކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައި ފޮށިގަނޑަކަށް ލައި، މޫދަށް އެއްލާލަފައި އޮތް 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށް ކުރި ދައުވާތައް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ހުކުމް ކޮށްފިއެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ 22 ޖޫން 2021ގެ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.
މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ޖުވެނަލައިލް ކޯޓުން ހުކުމްކުރި ކުއްޖާ ޝަރީއަތް ނިމެންދެން ބަންދުކުރަން 2021 ޑިސެމްބަރު ދެވަނަ ދުވަހު ކޯޓުން އަމުރުކުރިއެެވެ. ނަމަވެސް ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން އެ ކުއްޖާ ބަންދުގައި ބަހައްޓަން އެކަށީގެންވާ ޖަލެއް ނެތުމުގެ ސަބަބުން ގޭ ބަންދަށްވަނީ ބަދަލުކޮށްފައެވެ. ފަހުންވަނީ ޖަލަށް ބަންދުކޮށްފައެވެ.
ދައުލަތުންވަނީ އެ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާ ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.
ޖުވެނައިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ގަސްދު މީހަކު މެރުމުގެ ދައުވާ ސާބިތުވާތީ އެ ކުއްޖާ 16 އަހަރާއި 10 މަހާއި ހަތް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދު ކުރުމަށެވެ. މި މައްސަލައިގެ ތަހުގީގާއީ ޝަރީއަތުގައި އެ ކުއްޖާ ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް ބަންދުގައި ހޭދަކޮށްފައިވުމުން، އެބައި ޖަލު ހުކުމުން އުނިކުރުމަށްވެސްވަނީ ހުކުމްކޮށްފައެވެ.
އެެހެންވެ ތަންފީޒު ކުރަންޖެހޭނެ އަދަބަކީ 12 އަހަރާއި ހަތަރު މަހާއި ފަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖުވެނައިލް ކޯޓުންވަނީ ކައްފާރާއެެއްގެ ގޮތުގައި ވިދިވިދިވެގެން ދެމަސް ދުވަހުގެ ރޯދަ ހިފުމަށްވެސް ކުއްޖާގެ މައްޗަށް ހުކުމްކޮށްފައެވެ.
މި މައްސަލައިގައި 18 އަހަރުގެ މަތީގެ މީހެއް ކަމަށްވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނުގެ މައްޗަށްވެސް ދައުލަތުން ދައުވާކުރެއެވެ. އޭނާގެ މައްޗަށް ގަސްދު މަރުގެ ދައުވާ ހިމެނޭހެން ދައުލަތުން 13 ދައުވާއެއް ކުރެއެވެ.
"މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ހުކުމެއް ކުރުމުން މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެންގެވި" ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.
ދައުލަތުން 17 އަހަރުގެ ކުއްޖާގެ މައްޗަށްކުރި ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އެ ކުއްޖާ 11 މަހާއި ނުވަ ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށްް ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ ޒިހާންގެ މައްޗަށް ދައުލަތުންކުރާ ދައުވާތައް:
- ގަސްތުގައި މީހަކު މެރުމުގެ ދައުވާ
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާއެއް
- ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއްދީގެން އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރިކަމުގެ ދައުވާ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
- މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ
- ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރިކަމުގެ ދައުވާ
ޒިހާންއާ ދެކޮޅަށް ޝަފަހީ 79 ހެކި ހުށަހެޅިއިރު އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިޔަކުވެސް ހިމެނެއެވެ.
ޖުވެނައިލް ކޯޓު
ޖުވެނައިލް ކޯޓު
ޖުވެނައިލް ކޯޓު