އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

އެ ދެ ބޭފުޅުންގެ މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައެވެ. ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރެއްވި އިރު އެމްޑީޕީގެ ލޯކަލް ކައުންސިލް ޕްރައިމަރީގެ އިންތިހާބާ ދިމާކޮށް، އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން ވަނީ އުފެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއީ އިބޫ ވާދަކުރެއްވި އިރު، އެ ޕްރައިމަރީގެ ތެރެއިން އެ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ހިޔާލު ތަފާތުވުންވަނީ ވަރަށް ބޮޑަށް އުފެދިފައެވެ. އެ ސިޔާސީ ހިޔާލު ތަފާތުތަކުގެ ތެރެއިން ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.

މިއަދު އެ ދެ ބޭފުޅުންގެ މެދުގައި ބޭއްވި ބައްދަލުވުމަކީ އެ ސިޔާސީ ހިޔާލުތަކަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ނަޝީދާއި އިބޫ ބައްދަލުކުރެއްވި އިރު، ނަޝީދާއި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވެސް ވަނީ މިފަހުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.