ރާއްޖޭގައި ހިންގަމުން އައި ޖަރުމަންވިލާތުގެ ކޮންސިއުލޭޓް ކުއްލި ގޮތަކަށް ބަންދުކުރަން ނިންމުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ ކޮންސިއުލޭޓް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރިކަން ހާމަކޮށް، ސްރީ ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ވަނީ ކުއްލި ހާލަތްތަކުގައި އެމްބަސީއާ ގުޅުމަށް އެ ގައުމުގެ ރައްޔިތުންނަށް އަންގާފައެވެ. ނަމަވެސް، ރާއްޖޭގައި މަންދޫބަކު މިވަގުތު ނެތުމުން ދެވޭނީ ހަމައެކަނި އިރުޝާދާއި ލަފާކަމަށް ބުނެ، ރާއްޖެ ދަތުރުކުރާ ޖަރުމަނު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސްވަނީ އެދިފައެވެ.

އެ ނިންމުމާ ގުޅިގެން ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަރުމަނުން އެފަދަ ނިންމުމެއް ނިންމަން ޖެހުނީ މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ކޮންސިއުލޭޓް ބަންދުކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ، މިހާރު ހުންނެވި އޮނަރަރީ ކޮންސުލް ވަކިކޮށް ސަރުކާރުން ބޭނުންވާ މީހަކު އެ މަގާމަށް އައްޔަންކުރަން ދިވެހި ސަރުކާރުން ބާރުއެޅުމުން، އެކަން ޖަރުމަނު ސަރުކާރަށް ގަބޫލުނުކުރެވުން ކަމަށެވެ.

ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ހުންނަވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ އިބްރާހިމް މަނިކެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ.