ކޮޕާ ޑެލް ރޭގެ ގަދަ 32 ގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި، 3-2 އިން ތިންވަނަ ޑިވިޝަނުގެ ސީއެފް ޓަލަވޭރާ ޑެ ލަ ރެއިނާ ކައިރިން މޮޅުވެއްޖެއެވެ.

ރެއާލް ގަދަ 16 ޔަގީންކުރީ އުނދަގޫ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅުނު މެޗަށް ރެއާލުން ބަދަލުތަކާއެކު ނުކުތް ނަމަވެސް، އެންމެ ފޯމު ރަނގަޅުކޮށް ހުރި ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ފުރަތަމަ 11 ގައި ހިމަނާފައިވެއެވެ.

ރޭގެ މެޗުގައި ފްރާންސް ތަރި އެމްބާޕޭ ދެ ގޯލް ޖަހާފައިވެއެވެ. އެ ދެ ގޯލާއެކު އޭނާ މިއަހަރު ޖެހި ގޯލްގެ އަދަދު ވަނީ 56 އަކަށް އަރައިފައެވެ. މީގެ ކުރިން ރެއާލަށް އެއް އަހަރު ތެރޭގައި އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 2013 ވަނަ އަހަރު ރޮނާލްޑޯ ވަނީ 59 ގޯލް ޖަހައިފައެވެ.

އެ ރެކޯޑާ އަރާ ހަމަކުރުމަށް އެމްބާޕޭއަށް ދެން މިއަހަރު ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ ހޮނިހިރު ދުވަހު، ލަ ލީގާގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރެއާލުން ރޭ ކުޅުނު ދަނޑަކީ ގާތްގަނޑަކަށް 5،000 މީހުންނަށް ވަދެވޭ ކުޑަ ދަނޑެކެވެ. 4،000 އެއްހާ ޓަލަވޭރާ ޑެ ލަ ރެއިނާ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގެ ކުރީކޮޅުގައި ރެއާލް ޑޮމިނޭޓް ކުރިއެވެ.

އެންޑްރިކާއި އާދާ ގޫލާ އަދި ގޮންޒާލޯ ގާސިއާގެ ހަމަލާތައް ފެނުނު އިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ޓަލަވޭރާގެ ކީޕަރު ޖައިމޭ ގޮންޒާލޭޒްއެވެ.

ހާފު ނިމެން ދަނިކޮށް އެމްބާޕޭގެ ގޯލުން ރެއާލް ލީޑު ނެގި އިރު، އޭގެ އިރުކޮޅެއްފަހުން ފުރަތަމަ ހާފުގެ އިތުރު ގަޑީގައި ޓަލަވޭރާގެ މެނުއެލް ފަރާންޑޯ އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑު ފުޅާކުރިއެވެ.

ދެވަނަ ހާފުގެ ފަހުކޮޅަށް ދަނިކޮށް، ނަހުއެލް އަރޯޔޯ ޖެހި ގޯލުން ޓަލަވޭރާ އުންމީދު ހޯދިއެވެ. އެހެން ނަމަވެސް އަނެއްކާވެސް އެމްބާޕޭގެ ގޯލެއް ފެނުނު އިރު، އެއީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ރެއާލަށް މެޗުގެ ފަހުކޮޅުވެސް ފަސޭހައެއް ނުވިއެވެ. އެއީ ޓަލަވޭރާގެ ގޮންޒާލޯ ޑި ރެންޒޯ ޖެހި ގޯލަކާއެކު ޕްރެޝަރު ބޮޑުކޮށް ނިންމާލަން ޖެހުމުންނެވެ.