ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް ސޮސިއެދާދުން ފަސް އަހަރު ފަހުން ތަށި ނަގައިފިއެވެ.

ރޭ ސެވިއްޔާގެ އެސްޓާޑިއޯ ޑެ ލަ ކާޓޫޖާގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނު އިރު ނަތީޖާ އޮތީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޕެނަލްޓީގައި ސޮސިއެދާދުން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ސޮސިއެދާދުން މިހާތަނަށް ހަތަރު ފަހަރު ސްޕެނިޝް ކަޕް، ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ ތަށްޓަކީ އެޓީމުން 2021 ވަނަ އަހަަރަށްފަހު ހޯދި ފުރަތަމަ ތަށްޓެވެ. އެފަހަރުގެ ތަށްޓަކީ 2020 ވަނަ އަހަރުގެ ކޮޕާ ޑެލް ރޭ ތަށްޓެވެ. 2021 ވަނަ އަހަރު ފައިނަލް ކުޅުނީ ކޮވިޑް 19 ގެ ސަަބަބުން މުބާރާތް ލަސްވުމުންނެވެ. ސޮސިއެދާދުން އެފަހަރު ތަށި ހޯދީ ސަޕޯޓަރުން ނުވައްދާ ކުޅުނު ފައިނަލެއްގައެވެ.

އަންދާ ބަރެނެޓްޒެއާގެ ގޯލާއެކު ސޮސިއެދާދުން ގޯލް ޖެހި އިރު، އޭގެ 19 ވަރަކަށް މިނެޓް ފަހުން އަޑެމޯލާ ލުކްމަން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ.

އެ ނަތީޖާއާއެކު ހާފު ނިމެން ދަނިކޮށް، ސޮސިއެދާދަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މިކޭލް އޮޔަރުޒަބާލެވެ. އޭނާ ގޯލް ޖެހީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ.

ވާދަވެރިކޮށް ދެވަނަ ހާފުވެސް ފެނިގެން ގޮސްފައިވާ އިރު، އެތުލެޓިކޯއަށް އެއްވަރު ކޮށްދިނީ ޖޫލިއަން އަލްވަރޭޒެވެ. އެ ގޯލަށްފަހުވެސް އެތުލެޓިކޯގެ އެލެކްސް ބައެނާއާއި ޖޮނީ ކާޑޯސޯއަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ޕެނަލްޓީގައި ހީރޯއަކީ ސޮސިއެދާދުގެ ކީޕަރު އުނައި މަރޭރޯއެވެ. އޭނާ ވަނީ އެލެކްސެންޑާ ސޯލޮތާއި އަލްވަރޭޒްގެ ޕެނަލްޓީވެސް މަތަކޮށްފައެވެ.