ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯވެސް ބަލިކޮށް ސެޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލަށް ނުކުތް ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ ކަޓުވާލައި، ބާސެލޯނާއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސާއިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އަލްބަސެޓޭ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސާއިން ދެ ގޯލް ޖަހާފައި ވަނިކޮށް އަލްބަސެޓޭއިން ވަނީ މެޗު އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. އެއީ ފަހު ވަގުތު ޕްރެޝަރު ކޮށްގެންނެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ބާސާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ރަނގަޅު ފޯމެއްގައި ހުރި ލެމީން ޔަމާލް ބާސާއަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފުގައި މާކަސް ރަޝްފޯޑާއި ޑެނީ އޮލްމޯ އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ބޭނުން ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ރަޝްފޯޑަށް އިތުރު ފުރުސަތެއް ލިބި ބޭކާރުވި އިރު، އޭގެ އިރުކޮޅެއް ފަހުން ރޮނާލްޑޯ އަރައޫހޯ ވަނީ ބާސާއަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ. އެއީ ކޯނަރެއްގައެވެ.

އަލަބަސެޓޭއިން މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، އެޓީމުގެ އެންޓޯނިއޯ ޕުއެޓާސްއަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ހަވީ މޮރޭނޯ 87 ވަނަ މިނެޓުގައި އަލްބަސެޓޭއަަށް ގޯލެއް ޖަހައިދީފައެވެ. އޭގެފަހުންވެސް އޭނާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެއްވަރު ނުކުރެވި ބާސާ މެޗުން މޮޅުވިއެވެ.