ސްޕެނިޝް ކަޕް، ކޕާ ޑެލް ރޭގެ ގަދަ 16 ގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ ކައިރިން ބަލިވެއްޖެއެވެ.

ރެއާލުން ރޭ ރަށުން ބޭރުގައި ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާ ތެރޭގައި ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ބާސެލޯނާ ކައިރިންވެސް ރެއާލް ބަލިވެފައިވާ އިރު، އެމެޗަށްފަހު އޭރުގެ ކޯޗު ޒަބީ އެލޯންސޯ ވަނީ ޓީމު ދޫކޮށްލައިފައެވެ. ރޭގެ މެޗަށް ރެއާލް ނުކުތީ އާ ކޯޗު، އަލްވާރޯ އާބެލޯއާގެ އިރުޝާދުގެ ދަށުންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އަލްބަސެޓޭއިންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޖާވިއޭ ވިލާއެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅައިން ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ މެޗު އެއްވަރު ކޮށްފައެވެ. ރެއާލްގެ ގޯލް ޖަހައިދިނީ ފްރާންކޯ މަސްޓަންޓުއޯނޯއެވެ.

މެޗުގެ ދެވަނަ ހާފުގެ ބޮޑު ބައެއްގައި ނަތީޖާ ހަމަހަމަވެފައި އޮތް ނަމަވެސް، އަލްބަސެޓޭއިން ބަދަލަކަށް އެރި ޖެފްޓޭ ބެޓަންކޯގެ ގޯލުން، 82 ވަނަ މިނެޓުގައި އަނެއްކާވެސް އެޓީމުން ލީޑު ނެގިއެވެ.

އެ ގޯލާއެކުވެސް ރެއާލް އަނެއްކާވެސް މެޗު އެއްވަރުކުރިއެވެ. އެއީ 91 ވަނަ މިނެޓުގައި ގޮންޒާލޯ ގާސިއާ ޖެހި ގޯލުންނެވެ. މެޗުގެ ފަހުވަގުތުގައި ރެއާލް ޖެހި ގޯލުން އެއްވަރުވާން ދަނިކޮށް، އަލްބަސެޓޭއަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީވެސް ބަދަލަކަށް އެރި ޖެފްޓޭއެވެ.