ރާއްޖެއަށް ގަވާއިދާހިލާފަށް ބިދޭސީން އެތެރެކޮށް މަނީލޯންޑަރިން ހިންގި ބިދޭސީއަކު ތިން އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށްލައިފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހޮސައިންނެވެ. ދައުލަތުން ވަނީ އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ، މަނީ ލޯންޑަރިން އަދި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދެ ދައުވާކޮށްފައެވެ.

ދައުވާގައިވާ ގޮތުން ޝަހާދަތު ހޮސައިން ވަނީ އެމްޕްލޯއިމެންޓް އެޖެންސީ ހިންގާ އުސޫލުން ބިދޭސީން ރާއްޖެ ގެނެސްފައެވެ. އަދި އޭނާ ވަނީ ބިދޭސީން ރެކްރޫޓްކުރުމުގެ ގޮތުން ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ރެޕްރެޒެންޓިވްއެއް ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައެވެ.

ބިދޭސީން ރާއްޖެ ގެންނަން ސައްހަނޫން ލިޔުންތައް ހަދައިގެން، އެ ލިޔުންތައް ބޭނުންކޮށްގެން އޭނާ ވަނީ ގަވާއިދާހިލާފަށް އިމިގްރޭޝަންގެ ތެރެއިން ކޯޓާ ހަމަޖައްސައި، އެ މަސައްކަތުން ލިބުނު ފައިސާ އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައި ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން 2019 އޮކްޓޫބަރު 15 އިން ފެށިގެން 2024 އޮކްޓޫބަރު 15 ގެ ނިޔަލަށް އޭނާގެ އެކައުންޓުގައި 8.2 މިލިއަން ރުފިޔާ ޖަމާވެފައި ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

އެ ހުރިހާ ދައުވާތަކަށް ޝަހާދަތު ހޮސައިން ވަނީ އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން މަނީ ލޯންޑަރިންގެ ކުށުގެ އަދަބަކަށް އޭނާއަށް އަންނަނީ ދެ އަހަރާއި ހަ މަަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 53.400 ރުފިޔާއިން ޖޫރިމަނާކުރުމެވެ. ރިޝްވަތުގެ ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހަށް ޖަލަށްލުމާއި 21،600 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

އެއްބަސްވުމުގައިވާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އަނބުރާ ގެންދާނެއެވެ. މިއީ ސައްހަ އިއުތިރާފުގެ އެއްބަސްވުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެހެންވެ ޝަހާދަތު ހޮސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ ތިން އަހަރަށް ޖަލަށްލުމަށާއި 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

މި މައްސަލައާ ގުޅިގެން ޝަހާދަތު ހޮސައިން ވަނީ ބަންދުގައި 10 މަހާއި 17 ދުވަސް ހޭދަކޮށްފައެވެ. އެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނެ ޖަލު އަދަބަކީ ދެ އަހަރާއި އެއް މަހާއި 12 ދުވަހެވެ.