ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި އެޓަލާންޓާ ކައިރިން ބަލިވި އިރު، ލިވަޕޫލާއި ބާސެލޯނާއިން ކުޅުނު މެޗުތަކުންވެސް މޮޅުވެއްޖެއެވެ.

ޗެލްސީން ރޭ ރަށުން ބޭރުގައި އެޓަލާންޓާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސާއިން ފްރޭންކްފާޓް ކައިރިން 2-1 އިން އަމިއްލަ ދަނޑުގައި މޮޅުވި އިރު، މުހައްމަދު ސަލާހާ ނުލައި ކުޅުނު ލިވަޕޫލުން އިންޓަ މިލާން ކައިރިން ވަރުގަދަ މޮޅެއް ހޯދީ 1-0 އިންނެވެ.

ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައިވެސް ލީޑްސް ކައިރިން ބަލިވެފައި އޮތް އިރު، ރޭގެ މެޗުން ބަލިވުމާއެކު އޮޓޮމެޓިކް ކޮލިފިކޭޝަނަށް ފުރުސަތު ވަނީ ހަނިވެފައެވެ.

މިހާތަނަށް ކުޅުނު ހަ މެޗުން 10 ޕޮއިންޓާއެކު ޗެލްސީން މިވަގުތު އޮތީ 11 ވަނައިގައެވެ. އޮޓޮމެޓިކުން އެންމެ އަށް ކްލަބު އަނެއް ބުރަށް ކޮލިފައިވާ އިރު، މޮޅާއެކު އެޓަލާންޓާ ވަނީ ތިންވަނައަށް ޖެހިލައިފައެވެ. އެއީ 12 ޕޮއިންޓުންނެވެ.

ރޭގެ މެޗު ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. ޖުއާއޯ ޕެޑްރޯގެ ގޯލާއެކު ޗެލްސީން ފުރަތަމަ ހާފުގައި ލީޑު ނަގާފައިވީ ނަމަވެސް، ދެވަނަ ހާފުގައި އެޓަލާންޓާއިން މަންޒަރު ބަދަލުކޮށްލިއެވެ.

އަޑެމޯލާ ލުކްމަންގެ ނުރައްކާ ބޮޑަށް ފެނިގެން ގޮސްފައިވަ އިރު، ކުރިން ވެސްޓް ހޭމްއަށް ކުޅުނު ޖިއާންލޫކާ ސަމަކާ ވަނީ އެޓަލާންޓާއަށް އެއްވަރު ކޮށްދީފައެވެ.

އޭގެފަހުން ޗެލްސީން އަލުން ލީޑު ނެގުމަށް ރީސް ޖޭމްސްއާއި އެލެހާންޑްރޯ ގާނާޗޯގެ ފަރާތުން ހަމަލާތައް އުފެއްދި ނަމަވެސް އެޓަލާންޓާއިން ފަހަތުން އަރައި ލީޑު ނެގިއެވެ. އެ ގޯލް ޖެހީ ޗާލްސް ޑި ކަޓެލެއާއެވެ.

ސަލާހްގެ މައްސަލަ ގަނޑުގައި އޮތް ލިވަޕޫލުން ރޭ، އޭނާއާ ނުލައި އިންޓަ ބަލިކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލަކީ ޑޮމިނިކް ޒޮބޮސްލާއީ ޖަހައިދިން ޕެނަލްޓީއެކެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުންވެސް އެޓީމު މޮޅުވެފައެއް ނުވެއެވެ. އެ ހާލަތާއެކު ސަލާހާއި ކްލަބުގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، ރޭގެ މޮޅު މުހިއްމެވެ.

އެ މޮޅާއެކު ލިވަޕޫލް އަށްވަނައިގައި އޮތް އިރު، އެޓީމަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ.

ރޭ ބާސާއިން ކުޅުނު މެޗުގައި 2-1 އިން ފްރޭންކްފާޓް ބަލިކުރި އިރު، ބާސާގެ ދެ ގޯލްވެސް ޖެހީ ޖޫލް ކޫންޑޭއެވެ. ފްރޭންކްފާޓްގެ ގޯލް ޖެހީ އަންސްގަރް ނައުފެވެ.

އިތުރު ނަތީޖާތަކަށް ބަލާ އިރު، ބަޔާން މިއުނިކުން ވަނީ ސްޕޯޓިން ސީޕީ ކައިރިން 3-1 އިން މޮޅުވެފައެވެ. އަދި ޓޮޓެންހަމްއިން ސްލާވިއާ ޕްރާގް ކައިރިން 3-0 އިން މޮޅުވި އިރު، އެތުލެޓިކޯ މެޑްރިޑް ވަނީ ޕީއެސްވީ ކައިރިން 3-2 އިން މޮޅުވެފައެވެ.