އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ/ ކޮކާ، 18 އަހަރުގެ އިބްރާހީމް އާގިލް މަރައިލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެކުށް ހަމްދޫން ހަމްޒަތުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާއަށް މަރުގެ ހުކުމް އިއްވައިފިއެވެ.

އާގިލުގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.

އޭގެ ތެރެއިން ވިޝާމް އަދި މިޖުވާދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުންވަނީ މީގެކުރިން ހުކުމްކޮށްފައެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ހަމްދޫންގެ މައްސަލައިގައިކުރި ހުކުމުގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ އަގީލުގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށާއި އަދި އޭނާގެ މައްޗަށް ގަސްދު މަރު ސާބިތުވާތީ އެހެން ހުކުމެއް ކުރެވެން ނެތް ކަމަށެވެ.

އެހެންވެ ހަމްދޫން މެރުމަށް ހުކުމްކުރާކަމަށް ގާޒީ ހުކުމްކުރެއްވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި އެއް ހެއްކަކީ މައްސަލައިގެ ތަހުގީގަށް ހޯދި ސީސީޓީވީ ފޫޓޭޖެއްގެ އެނަލިސިސް ރިޕޯޓު ސާބިތުކުރުމަށް ހުށަހެޅި ފުލުހުންގެ ފޮރެންސިކް އޮފިސަރެކެވެ. އެ އޮފިސަރު ހެކިބަސް ދިނުމުން ދިފާއުން ވަނީ ސުވާލުކުރިއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ތެރެއިން އޮފިސަރު ވަނީ އާގިލުގެ ގާތިލު ކަމަށް ތުހުމަތު ކުރާ ހަމްދޫނުގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖު ތަފްސީލުކޮށްދީފައެވެ.

ސީސީޓީވީ ފޫޓޭޖު އެނަލިސިސް ކޮށްދެމުން އޮފިސަރު ބުނެފައިވަނީ ހަމްޒާ އާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔަ އިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖުތަކުން ސާފުވާ ކަމަށެވެ. އަދި ވަޅި ހިފައިގެން އާގިލު ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާއެކު އާގިލު ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫނު މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިމާލެ ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ އަދި ފޮޓޯގެ ތިން ހެކީީގެ ތެރެއިން ފުރަތަމަ ފުޓޭޖުގައި ހަމްދޫނުއާ އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި، ސައިކަލަށް އަރައިގެން ދާ މަންޒަރު ދައްކުވައިދޭ ދެވަނަ ވީޑިއޯގައި އޭނާއާ އެއްގޮތްކަން ރަމްޒުކޮށްދޭ ތިން ސިފައެއް ފެނުނު ކަމަށެވެ. ހަމްދޫނު ސައިކަލުގައި ގެންދިޔައީ އާގިލު މަރާލުމުގައި އެހީވި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ވިޝާމު ކަމަށާއި އެއީ އޭނާކަން ކަށަަވަރުވަނީ އެއްގޮތް ކަމަށް ބެލެވޭ ހަތް ސިފައެއް ފެނުމުން ކަމަށެވެ.

ދެން ހުށަހަޅާފައި ވަނީ، ޑީއެންއޭ ރިޕޯޓު ސާބިތުކުރުމަށް އެ ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ ތުހުމަތުކުރެވޭ ހަމްދޫނުގެ ހެދުމުގައި ހޭކިފައި ހުރި ލެއިން އާގިލުގެ ޑީއެންއޭ ލިބިފައިވާ ކަމަށެވެ. ނަމަވެސް އާގިލު މަރާލުމަށް އެހީވި ކަމުގެ ދައުވާ ލިބޭ ވިޝާމުގެ ޑީއެންއޭ ފެނިފައިނުވާ ކަމަށެވެ.

ދިފާއުން އެ ހެކިވެރިޔާއާ ސުވާލުކުރަމުން ވަނީ ޗެއިން އޮފް ކަސްޓަޑީ ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފައެވެ. އެއީ އެ ފޯމުގައި އެއްވެސް މީހެއްގެ ސޮއި ނެތުމުންނެވެ. އެކަމާ ގުޅިގެން ހެކިވެރިޔާ ބުނެފައިވަނީ އެ ފޯމަކީ އޮންލައިންކޮށް ލިބުނު ފޯމެއް ކަމަށާއި އާންމުކޮށް ފޯމު ބަލައިގަންނަ އިރު، ސޮއިކޮށް އުޅެނީ ފިޒިކަލީ ހުށަހެޅޭ ކަރުދާސްތަކުގައި އެކަނި ކަމަށެވެ.

ހެކިވެރިޔާގެ އެ ވާހަކަތަކާ ގުޅިގެން އިތުރު ސުވާލެއް ކުރަން ދިފާއު އުޅުމުން ދައުލަތުން ވަނީ އިތުރު ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތަށް ވިދާޅުވެފައިވަނީ ހެކި ހުށަހެޅުމުގެ މަރުހަލާ ކަމަށްވުމުން ހެއްކާ ބެހޭގޮތުން ސުވާލު ނުކުރެވޭނެތީއެވެ.

ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މޯލްޑިވްސް މަނިޓަރީ ފަންޑު (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ އޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.