މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ރަހުމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެެ ވިޔަފާރީގައި އުޅޭ މީހުންނަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިންޒާރު ދެއްވައިފައެވެ.

ރާއްޖެއިން، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތީން ފުލުހުން ވަނީ "އޮޕަރޭޝަން އަލިމަގު" ފަށައިފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް ބޮޑަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކެއްގެ އިސް މީހެއް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އެ ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.

އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް އޮންނާނެ ހަމައެކަނި ގޮތަކީ އެ މީހުންނާމެދު ގާނޫނީގޮތުން ހަރުކަށި ފިޔަވަޅު އެޅުން ކަމަށެވެ.

"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ. ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު" އިހުސާން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އިއްޔެވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވައިގެން ފާސްކުރި މި ބިލުގައި، ޑްރަގް މައްސަލަަތައް ހައްލު ކުރުމަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބުން ފެށިގެން އެކި އަދަބުތައް ކަނޑައަޅާފައިވާއިރު އެއިން އެއްވެސް އަދަބަކަށް މާފެއް ނުދެވޭނެ އެވެ.

ބިލުގައިވާ ގޮތުން އެފަދަ މައްސަލަ ތަކުގައި ހުކުމްކުރާ އިރު، ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި މަރުގެ އަދަބު ކަނޑައެޅޭނެއެވެ. ބިލުގައިވާ ގޮތުން ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،

ނަަމަވެސް ބިލުގައިވާގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމައެވެ.

ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެއެވެ.

ބިލުގައި ބުނަނީ، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށް ލުމަކީ 25 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށް ލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫ ނުކުރެވޭ ގޮތަށް އަދި، މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.

މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އެ އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ވެއެވެ.

މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެސް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.