ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ތަރައްގީކުރަން ދިން ނަމަވެސް، އެ ސަރަހައްދުގައި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު، ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށްވާ 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
އެ އެއްބަސްވުމާ ގުޅިގެން ރަސްމާލޭގެ ސަލާމަތީ ކަންކަމާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކުން ދައުލަތުގެ ސިޔާދަތީ ބާރާއި ގާނޫނީ އިމުން ބޭރު ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބާރު ނުހިނގާނެ އެއްވެސް ފަސްގަނޑެއް ރާއްޖޭގައި ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނާނެ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ. ގައުމުގެ ދިފާއުގައި ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއްގެ ހައިސިއްޔަތުން، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
ވިޔަފާރި އުސޫލުން ފަތުރުވެރިކަމަށާއި ސިނާއީ ބޭނުންތަކަށް ރާއްޖޭގައި ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށްރަށުގައި ވެސް އާންމު ސެކިއުރިޓީ ބަލަހައްޓަނީ އެ ރަށްރަށުގެ ވެރިފަރާތްތަކުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެއިން ކޮންމެ ތަނެއްގައި ވެސް ގާނޫނު ތަންފީޒުކޮށް، ފުލުހުންގެ ދައުރު އަދާކުރަންޖެހޭ ހާލަތްތަކުގައި އެ ބާރު ފުރިހަމައަށް އޮންނާނެ ކަމަށާއި، ރަސްމާލޭގައި ވެސް ކަންކަން ހިނގާނީ ހަމަ އެ އުސޫލުންކަމަށް އިހްސާން ވިދާޅުވިއެވެ.
އަދި މަޝްރޫއުގެ ގޮތުން ފުލުހުން އެ ސަރަހައްދުގައި ދާއިމީކޮށް ގާއިމުވެ ތިބެންޖެހޭ ނަމަ، އެކަން ކުރުމަށް ވެސް އެއްވެސް ހުރަހެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވިދާޅުވެ އިހުސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެންކަމުން ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި، ކަމުގެ ހަގީގަތް ރަނގަޅަށް ސާފުކުރުމަށްފަހު މެނުވީ ހަބަރު ނުފެތުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ކޮމެންޓް