ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:29 ހާއިރުއެވެ. އެއީ ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ބެރިކޭޑެއްގައި ޖެހި، އޭގެ ފަހުން ފުލުސް އޮފިސަރުގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތް ފާހަގަކުރައްވައިފައެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ މިނިސްޓަރު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ އާއިލާއާ ބައްދަލުކުރައްވައި މިނިސްޓަރު އިހުސާން ވަނީ ހިތްވަރު ދެއްވައިފައެވެ. އަދި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާއިލާއަށް ވަނީ ދެއްވައިފައެވެ.

މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ތުހުމަތުކުރައްވާފައިވަނީ، ފުލުހުންނަށް އަމާޒުކޮށް އަނިޔާދިނުމަށް ގަސްދުގައި ހިންގި އެކްސިޑެންޓެއްގެ ގޮތުގައެވެ. ސީޕީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން މިއީ ގަސްތުގައި ހިންގާފައިވާ އަމަލެއްކަން ފާހަގަވެއެވެ.

ސީޕީ ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވަފައެވެ. އަދި ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅާ ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ސީޕީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި އަމަލު ހިންގި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސީޕީ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް މިކަމުގައި ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން އިތުރު ސައިކަލަކާއި ދެ މީހަކު ލޮކޭޓުކޮށް، އެ މީހުންވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ސަތޭކަ ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލު ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމާއެކު، ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހި، އޭނާގެ އަނގަމަތި ފަޅައިގެން ގޮސް ދަތް ބިނދިފައިވެއެވެ.