އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދު އޭސީސީއަށް ހާޒިރުކޮށްފިއެވެ.

އޭސީސީން "ވަން" އަށް މިއަދު ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މައުލޫމާތު ބަޔާނެއް ނެގުމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހާޒިރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ޝަމްއާންގެ ބަޔާނެއް އޭސީސީން ނަގާފައިވާ އިރު، އޭނާއަށް ހުކުމް އިއްވި އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ވަނީ ހޯމް މިނިސްޓަރު އިހުސާން އަލީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.

އެގޮތުން އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ ފްރޭމްކޮށްފައިވާ ކަމަށާއި އެ ކަންތައް ފެށީ ހޯމް މިނިސްޓަރު އިހުސާނާ ގުޅުން ހުރި ކޮރަޕްޝަންގެ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށް ޝައްމާން ވިދާޅުވެފައިވެއެވެ.

ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވީ އެ ހިސާބުން ކަމަށްވެސް ޝައްމާން ވިދާޅުވެފައިވެއެވެ.

އެކަންކަން ދޮގު ކުރައްވައި އިހުސާން ވިދާޅުވެފައިވަނީ، ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިއާއަށް ތިލަކޮށްދީފައިވާނެ ކަމަށެވެ.

ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުގެ ސަބަބުން ޝަމްއާންގެ މައްޗަށް އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާ ސާބިތުވުމުގެ ސަބަބުން 8 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާތީ އިއްވީ ދެ އަހަރުގެ ހުކުމެކެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.