މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާ މައްސަލަ ހައްލު ނުވުމުން، ފުލުހުންގެ އިދާރާއަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށި މުހައްމަދު ސައީދު، 35 ގަޑިއިރަށްފަހު އެ ހަޅުތާލު ނިންމާލައިފިއެވެ.
ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ސައީދު ބުނި ގޮތުގައި އޭނާ ހަޅުތާލު ނިންމާލަން ނިންމީ ކަމާބެހޭ އިދާރާތަކުން ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމާ ގުޅިގެންނެވެ.
މިގޮތުން، ހޯމް މިނިސްޓަރު އަލީ އިހުސާން އެކަމުގެ ޔަގީންކަން ދެއްވާފައިވާތީ އެކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ވެފައިވާ ވައުދުތައް ފުއްދަމުން އަންނަ މިންވަރު ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
މި ދަނޑިވަޅުގައި އޭނާއާއެކު ސާބިތުވެ ތިބި އާއިލާގެ މެންބަރުންނަށާއި ގާތްތިމާގެ މީހުންނަށް ސައީދު ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ހަމައެއާއެކު، މި މައްސަލައަށް އާންމުންގެ ސަމާލުކަން ގެނައުމުގައި އެހީތެރިވެދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޓީމުތަކަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ.
މީގެ އިތުރުން، ހަޅުތާލުގެ ހުރިހާ ވަގުތެއްގައި އޭނާގެ އަރިހުގައި މަޑުކުރެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރަށް ވެސް ސައީދު ވަނީ ޝުކުރު ދަންނަވައިފައެވެ.
މި މައްސަލައިގައި މިނިސްޓަރު އިހުސާން "ވަން" އަށް މިއަދު ވިދާޅުވެފައިވަނީ، އުނދަގޫ ކުރާ މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. މި ކަމުގައި ބަލާން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ވަރަށް އުނދަގޫ ކަންކަން އެބަހުރި. ގާނޫނާއި ގަވައިދުގެ ތެރެއިން ހުރި ގޮންޖެހުންތަކެއްވެސް އެބަހުރި. އެކި ފަހަރު ފުލުުހަށް ގެންގޮސްފަ އެބަހުރި. އެކި ފަހަރު ދޫކޮށްލާފަ ހުރީ އެކި ސަބަބުތަކާ ހެދި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، އޭނާ ގުރައިދޫއަށް ގެންދާން ވެގެން ކުރިން ބެލި ކަމަށާއި، އެހެން ނަމަވެސް ގުރައިދޫއަށް ގެންދާން އޭނާގެ ޝަރުތު ހަމަނުވީ، އެއީ މޮޔައެއް ކަމަށް ނުވަތަ އެވަރުގެ ނަފުސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ސާބިތު ނުވާތީއެވެ. އަދި އެހެން ބައެއް މައްސަލަތަކުން އޭނާ ސަލާމަތްވެފައި ވަނީ އޭނާއާ ދެކޮޅަސް ހެކި ދޭނޭ މީހަކު ނެތިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
"ދައުލަތުގައި މައްސަލަ ބަލާނެ ރަސްމީ ޗެނަލްތަކެއް އެބަހުރި. ޕީޖީއަކާއި ކޯޓުތައް އެބަހުރި. ފުލުހުންގެ ދައުރު އަދާކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. އެކަމަކު ކޯޓުން ނުވަތަ ދެން ހުރި ތަންތަނުން އެހެން ނުވަތަ މިހެން ހަދާނޭ ބުނެ އެ ޔަގީންކަން އެހެން މުއައްސަސާތަކުން ނުދެވޭނެ ދެއްތޯ. އެކަމަކު މައްސަލައަށް ހައްލެއް ހޯދަން ކުރާން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. މިއީ ހައްލުވާން ޖެހޭ ކަމެއްކަމަށް ގަބޫލުކުރަން." މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ސައީދު، ހެންވޭރު ޕޮލިހަށް ގޮސް ހަޅުތާލު ފެށީ އިއްޔެ ހެނދުނު 8:00 ގައެވެ. އޭގެ ފަހުން ހެންވޭރު ފުލުސް އޮފީހުގައި ނުހުރެވޭނެ ކަމަށް އެންގުމުން، ރޭ 9:00 އިން ފެށިގެން ހަޅުތާލު ކުރަމުންދިޔައީ އެތަނުގެ ބޭރުގައި ހުރެގެންނެވެ.
ސައީދު އިއްޔެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި ހަޅުތާލު ފެށީ ކާށިމާ ހިނގުމާއި ދޫހިމެރި މަގުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާތާ ދޮޅު އަހަރު ވެފައިވާ އިރު، މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ.
އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މި މީހާގެ ފަރާތުން އާއިލާއަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޕޯސްޓުގައި ސައީދު ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި، މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން އެ މީހާ މުއާމަލާތްކުރެއެވެ. އަދި ސައިކަލުތައް މަގުމައްޗަށް ނެރެ، މަގު ބަންދުކުރަން ގެންގުޅޭ ބޯޑުތައް ދަމާފައި ގެނެސް މަގުމަތީގެ ޓްރެފިކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައިވެއެވެ.
މީގެ އިތުރުން، ޝަކުވާ ހުށަހެޅި މީހާގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އަޅާފައިވާ ކަމަށާއި، އެ މަންޒަރު ދެ ފަހަރެއްގެ މަތިން ކެމެރާއަށް ރެކޯޑުކުރެވިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ބެލްކަނީގައި ހުރެގެން މަގުމަތިންދާ މީހުންގެ ގަޔަށް ތެޔޮ އަދި ފެން އުކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝަކުވާ ހުށަހެޅި މީހާގެ ގަޔަށްވެސް ތެޔޮ ޖަހާފައިވާ ކަމަށް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އެއްވެސް އިންޒާރަކާ ނުލައި މީހުންގެ ގަޔަށް ޕްލާސްޓިކް ފުޅި އުކައި، ހަޅޭއްލަވައި، އަދި ދަންވަރުން ފެށިގެން ފަތިސްވަންދެން މެދުކެނޑުމެއްނެތި އަޑުގަދަކުރާ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ. ހަމައެހެންމެ، އެ މީހުން ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ވަގަށް އެ އިމާރާތުގެ ތެރެއަށް އެތައް ފަހަރަކު ވަދެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، މައްސަލަ ހުށަހަޅައި، އަދި ހެކިވެސް ހުށަހަޅާފައިވާނެ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އާއިލާ ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، އާއިލާގެ ރައްކާތެރިކަމަށްޓަކައި ފެށި މި ހަޅުތާލު ހުއްޓާލާނީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ އެދެނީ އާއިލާއަށާއި އެ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "ވަން" އަށް އިއްޔެ ވިދާޅުވީ އުނދަގޫކުރާ މައްސަލައިގައި ހިމެނޭ މީހާއާ ދެކޮޅަށް މީގެ ކުރިން ވެސް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އެމީހާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ފުލުހުންގެ އިދާރާގައި ހަޅުތާލުކުރާ މީހާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ޝިޔާމް ދެއްވިއެވެ.
އެ މައްސަލައިގައި އުނދަގޫކުރާ ކަމުގެ ތުހުމަތުވާ ފައިރިޝް އަކީ މީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް