ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތުވާ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ އެންތެނީ ވަރެން ނަދިޝް ޕެރޭރާ ރާއްޖެއިން ޑީޕޯޓުކޮށްފައި ވަނީ އިމިގްރޭޝަންގެ ގާނޫނުތަކާ އެއްގޮތަށްކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ނަދިޝް، މިދިޔަ އަހަރުގެ މޭމަހުގެ ތިންވަނަ ދުވަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އިމިގްރޭޝަން ބެލުމުގައި ދަށުގައި އޭނާ ހުރި އިރު ވަކީލުންގެ އެހީތެރިކަން ހޯދިދާނެކަން ބުނެދިނުމެއް ނެތި އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ކޮންޓްރޯލާ އޮފް އޮފް އިމިގްރޭޝަނަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި އިތުރަށް ނުހުރެވޭނެކަން އަންގައި 2024 މޭ ހަތަރުވަނަ ދުވަހު އޭނާ ރާއްޖެއިން ފޮނުވާލައިފައިވެއެވެ.
ޑީޕޯޓްކުރުމުގެ ކުރިން ލިޔުން ނުވަތަ ރާއްޖެއަށް ނާދެވޭ ގޮތަށް ބްލެކް ލިސްޓްކުރިކަމުގެ ލިޔުން އޭނާއަށް ދީފައެއް ނުވެއެވެ. އަދި ޓޫރިސްޓު ވިސާގައި ވެސް ރާއްޖެ ނާދެވޭނެއެވެ. އެހެންވެ ނަދިޝް ވަނީ އިމިގްރޭޝަންގެ އެ ނިންމުން އަލުން މުރާޖާއާ ކޮށްދިނުމަށް އެދި އިމިގްރޭޝަންގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ ދައުވާއަށް ޖަވާބުދާރީވަމުން އިމިގްރޭޝަން (ދައުލަތް) އިން ބުނީ މުޅި ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އިމިގްރޭޝަނުން ނިންމުންތައް ނިންމާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި 33 ވަަނަ މާއްދާ އަދި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ އިމިގްރޭޝަން ނިންމުންތައް ބާތިލުކުރަންޖެހޭ ގާނޫނީ ހަމައެއް ނެތްކަން ކަނޑައަޅައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ކަމަށް ދައުވާކުރާ ފަރާތާއި ދައުވާ ރައްދުވާ ފަރާތަކުން ދެއްކި ވާހަތަކުން ފާހަގަވި ކަންކަމުގެ އަލީގައި މައްސަލަ ބެއްލެވި ގާޒީ ހާފިޒާ އަބްދުއްސައްތާރު ވިދާޅުވީ، ނަދިޝްއަކީ 2014 ވަނަ އަހަރު ދިވެހި ރައްޔިތެއް ކަމަށްވާ ނުހާ ހާރޫނާ ކައިވެނިކޮށްގެން ލަންކާގައި ދިރިއުޅުމަށްފަހު، ކޮވިޑުގެ ކާރިސާއާ ގުޅިގެން ލަންކާއަށް އައި ތަދުމަޑުކަމެއްގައި 2022 ވަނަ އަހަރު ރާއްޖެ ބަދަލުވި ފަރާތެއް ކަމަށެވެ.
އަލަތު ދަރިފުޅު ލިބުމުން އަލުން ލަންކާއަށް ދިރިއުޅުން ބަދަލުކޮށް އެ ގައުމުގައި ދިރިއުޅުމަށްފަހު އަލުން ރާއްޖެ ބަދަލުވާން ނުހާ އެދުނެވެ. އަދި ވަނީ ވަރިވުމަށްވެސް އެދިފައެވެ. އެ ކައިވެނި ރޫޅިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެފަހުން ނުހާގެ ފަރާތުން ގެވެށި އަނިޔާގެ އަވަސް އަމުރަކަށް އެދުމުން އެ އަމުރު ފެމިލީ ކޯޓުން ނެރެދީފައިވެއެވެ.
ގާޒީ ވިދާޅުވީ މިދިޔަ އަހަރުގެ މޭމަހުގެ ތިންވަނަ ދުވަހު، ނަދިޝް ދަރިފުޅާ ބައްދަލުކުރުމަށް ކ. ތުލުސްދޫއަށް ދިޔަ ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ނަދިޝް ގެންދިޔަ ކަމަށް ގާޒީ ވިދާޅުވިއެވެ. ނަދިޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިމިގްރޭޝަނުން އަންގައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.
އޭގެ ދެ ގަޑިއިރު ފަހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ނަދިޝް ގެންދިޔަ ކަމަށާއި އެއަށްފަހު އިމިގްރޭޝަންގެ ޑިޓެންޝަންގައި ހައްޔަރު ކުރި ކަމަށެވެ. އިމިގްރޭޝަންގެ ޑިޓެންޝަންގައި ތިން ދުވަސް ވަންދެން ނަދިޝް ބެހެއްޓުމަށްފަހު އިމިގްރޭޝަން ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ނަދިޝްގެ ވިސާ ކެންސަލްކޮށް ރާއްޖޭގައި އިތުރަށް ނުހުރެވޭނެކަން އެންގި ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަދިޝް، ރާއްޖެއިން ފުރައިގެން ދިޔައީ އަމިއްލައަށް ކަމަށާއި އެފަހުން އަނެއްކާ ވެސް ޓޫރިސްޓު ވިސާގައި ރާއްޖެ އައިތަނުން އިމިގްރޭޝަނުން ނަދިޝް ހިފެހެއްޓި ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަދިޝް، ސްޕެޝަލް ވިސާއަށް އެދުނު ކަމަށާއި ނަމަވެސް ލިޔުންތައް ހުށަހަޅާފައިނުވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. ނަދިިޝް ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަހަޅަން އެންގުމުން ތަފާތު ތިން ގޮތަކަށް ލިޔުން ތައްޔާރުކޮށްގެން ހުށަހެޅި ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ ލިޔުންތަކުގެ ތެރޭގައި ނުހާގެ ނަމުގައި ފޯޖު ކޮށްފައިވާ ލިޔުމެއް ވެސް ހިމެނޭ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންވެ ވިސާ ދޫކުރެވެން ނެތްކަން އަންގައި ރާއްޖެއިން ފުރުމަށް ނަދިޝްއަށް އިމިގްރޭޝަނުން އެންގި ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ނަދިޝްގެ ޓޫރިސްޓު ވިސާގެ މުއްދަތު ހަމަވުމުން މިދިޔަ އަހަރުގެ މާޗު މަހުގެ ހަތްވަނަ ދުވަހުން އެ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަަލަށް އިމިގްރޭޝަނުން ސްޕެޝަލް ވިސާއެއް ދޫކޮށްފައިވާނެ ކަމަށެވެ. އެފަހުން މާޗު މަހުގެ ހަތަރުވަނަ ދުވަހު ނުހާގެ ފަރާތުން ނަދިޝްއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހެޅި ކަމަށް ގާޒީ ވިދާޅުވިއެވެ. އެފަހުން އިމިގްރޭޝަންގެ ޑިޓެންޝަނަށް ނަދިޝް ގެންގޮސް ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އޭގެފަހުން 2024 މޭ 24 ވަނަ ދުވަހު ނަދިޝް ރާއްޖެ އައުމުން، އޭނާއަކީ ވަކި މުއްދަތެއް ނެތްގޮތަށް ރާއްޖެއަށް ނާދެވޭނެހެން ބްލެކްލިސްޓް ކޮށްފައިވާ މީހައްކަމަށްވާތީ އަދި އޭނާގެ ފަރާތުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކެއް ނުކުމެދާނެތީ ރާއްޖެއަށް އެތެރެވުމުގެ ހުއްދަ އިމިގްރޭޝަނުން ދީފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ނަދިޝްއާ ދެކޮޅަށް ފުލުހަށް ނުހާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ފެމިލީ ކޯޓުން ދައުވާކުރާ ފަރާތުގެ މައްޗަށް އަމުރެއް ވެސް ނެރެފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ ވިސާ ހޯދުމަށް ނަދިޝް ހުށަހެޅި ލިޔުންތަކުގެ އިތުރުން އެއިރުގެ ހާލަތަށް ރިއާޔަތްކޮށް، ވިސާ އެޕްލިކޭޝަން ބަލައިނުގަތުމަށާއި ދައުވާކުރާ ފަރާތުން ދެވަނަ ފަހަރަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރުމުން އަނބުރާ ފޮނުވާލުމުގެ ކަންކަން އިމިގްރޭޝަން ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އެހެންވެ ގާޒީ ހުކުމް ކުރެއްވީ އެންތެނީ ވަރެން ނަދިޝް ޕެރޭރާ ރާއްޖެއިން ޑީޕޯޓްކުރުމަށް ނިންމި ނިންމުމަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އިމިގްރޭޝަން ނިންމި ނިންމުމެއް ނޫން ކަމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް