މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އެކަން ހުއްޓުވައިދިނުމަށް ކައުންސިލުން ސިވިލް ކޯޓުގައި އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެނުދިނެވެ.
މި މައްސަލައަކީ ކައުންސިލްގެ ބެލުމުގެ ދަށުން 14 ބިމެއް ވަކިކޮށް ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިންތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމި މައްސަލައެވެ.
ކައުންސިލުން ސިވިލް ކޯޓުގައި ތިން ކަމަކަށް އެދުނެވެ. ފުރަތަމަ ކަމަކީ މިނިސްޓްރީގެ އެންގުމަށް އަމަލުކުރުން ވަގުތީގޮތުން މެދުކަނޑާލުމެވެ. ދެވަނަ ކަމަކީ އެ ބިންތަކާ ގުޅޭގޮތުން ތިންވަނަ ފަރާތެއްގެ ހައްގެއް އުފެދިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންގުމެވެ. އަދި ތިންވަނަ ކަމަކީ ބިންތައް މިހާރު ހުރި ގޮތުގައި ބެހެއްޓުމަށް މިނިސްޓްރީއަށް އަމުރުކުރުމެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި، ނެގުމަށް ނިންމި ބައެއް ބިންތަކަކީ ކޮންމެ މަހަކުވެސް އާމްދަނީ ލިބޭ ބިންތަކެކެވެ. އެ ފައިސާ ބޭނުންކުރަނީ ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ކަމަށާއި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށްފައިވަނީ އެ އާމްދަނީއަށް ބިނާކޮށްގެން ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
ހަމައެއާއެކު، އެ ބިންތަކާ ގުޅިގެން ތިންވަނަ ފަރާތްތަކާ އެކީ ހެދިފައިވާ އެއްބަސްވުންތައް ހުރިއިރު، ބިން ވަކިކުރުމުގެ ކުރިން ބަދަލުދޭނެ ގޮތެއް ނުވަތަ ޒިންމާވާނެ ފަރާތެއް ކަނޑައެޅިފައި ނުވާ ކަމަށާއި، ލާމަރުކަޒީ ގާނޫނުގެ 56-2 ގެ (ރ) ގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކައުންސިލާ މަޝްވަރާކުރުމެއް ނެތި ނިންމި ނިންމުމެއް ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން، ބައެއް ބިންތައް ރަޖިސްޓްރީކޮށްފައިވަނީ ކައުންސިލްގެ ނަމުގައި ކަމަށާއި، ބައެއް ބިންތަކާ ގުޅޭ މައްސަލަ ކޯޓުގައި ހިނގަމުންދާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގެ ދަށުން މީހުންގެ މުދާ ނިގުޅައިގަތުން މަނާ ކަމަށާއި، ބިން ނެގޭނީ ކޯޓު ހުކުމަކުން އަދުލުވެރި ބަދަލެއް ދީގެން ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.
ދައުލަތުން ރައްދުގައި ބުނެފައިވަނީ ކައުންސިލުން ހޯދަން އެދިފައިވާ އަމުރަކީ ގާނޫނީ ގޮތުން ރަނގަޅު އަމުރެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ، ވަގުތީ އަމުރު ނެރުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ކައުންސިލްގެ ކިބައިގައި ގާއިމުވެފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ. ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަން ސާބިތުނުވާ ކަމަށާއި، ވަގުތީ އަމުރެއް ނެތި މައްސަލަ ލަސްވެގެން ކުރިމަތިވެދާނެ ނުރައްކަލެއް ނެތް ކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.
ދައުލަތުން އިތުރަށް ބުނެފައިވާ ގޮތުގައި، ލާމަރުކަޒީ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްގެ އިހުތިސާސުން ބިން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މިނިސްޓްރީގެ ސިޓީއާ ގުޅިގެން ކައުންސިލުން ކޮންމެ ބިމަކަށް ވަކި ސިޓީއެއް، ޖުމްލަ 14 ސިޓީ ހުށަހެޅި ނަމަވެސް، އެ ސިޓީތަކުން ދޭހަވަނީ ގާނޫނާ އެއްގޮތަށް ބިން ނެގުމަށް ކައުންސިލުން އިއުތިރާޒު ނުކުރާކަން ކަމަށާއި، ކައުންސިލްގެ މައިގަނޑު ޝަކުވާއަކީ މަޝްރޫއުތަކުގެ ތަފްސީލު ބޭނުންވާ ވަރަށް ނުލިބުން ކަމަށް ދައުލަތުން ބުންޏެވެ.
ތަރައްގީގެ މަޝްރޫއާ ގުޅޭގޮތުން ކައުންސިލްގެ ހިޔާލު ހޯދުމާއި، ބިން ވަކިކުރުމާ މެދު ރުހުން ހޯދުމަކީ ތަފާތު ދެ ކަމެއް ކަމަށާއި، ބިން ވަކިކުރުމަށް ކައުންސިލްގެ ރުހުން ހޯދުން ގާނޫނުން ލާޒިމު ނުކުރާ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، ކައުންސިލުގެ ފަރާތުން އެދުނު މި ވަގުތީ އަމުރަކީ އިންސާފު ގާއިމުކުރުމަށް މި ހިނދު ނެރެންޖެހޭ ފަދަ އަމުރެއްކަން ސާބިތުނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ދައުލަތަށް ނަގަން ނިންމި ބިންތައް:
- ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު: ޒަމާނީ އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ގާއިމުކުރުން.
- މަސް މާރުކޭޓު: އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށްދޭ ޒަމާނީ އާ އިމާރާތެއް އެޅުން.
- ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު: ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއެއް ހިންގުން.
- ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި އެކުދިންގެ އެކި ހަރަކާތްތައް ހިންގާ މަރުކަޒެއް ގާއިމުކުރުން.
- ދަތުރުފަތުރާއި ޕާކިން ވަސީލަތްތައް: ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކާއެކު ޒަމާނީ ޕާކިން އިމާރާތެއް އެޅުމާއި، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލިޓީއެއް ގާއިމުކުރުން.
- ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުން: އާޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އިތުރަށް ފުރިހަމަކުރުމާއި، ރަސްފަންނު ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން.
- ކައުންސިލް އެކަމަޑޭޝަން އަދި ކާނިވާ ސަރަހައްދު: ސިޓީ ކައުންސިލް އެކަމަޑޭޝަން ބިމުގައި ލޭބާ އެކަމަޑޭޝަނާއި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ކާނިވާ ކެފޭ ޕާކިން އޭރިއާ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން.
- އެހެނިހެން ހިދުމަތްތައް: ތައިސޭކޮށީގެ ހުސްބިންތައް މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ޕޭ ޓޮއިލެޓް 2 ހުރި ތަނުގައި ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ވަސީލަތްތައް ގާއިމުކުރުން. އަދި މަސްވެރިންގެ މައިޒާން މިހާރުވެސް އޮތް ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.
ކޮމެންޓް