ހުޅުމާލޭގެ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކުމަށް ފައިސާ ނެގި މީހުންގެ ތެެރެއިން، މީހަކަށް ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 1.06 މިލިއަން ރުފިޔާ ދެއްކުމަށާއި އެޕާޓްމަންޓް ހަވާލުކުރަންދެން ކޮންމެ މަހަކު 25،000 ރުފިޔާ ދޭން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، " ކޭޕާކް ރެސިޑެންސް" އިން އެޕާޓްމަންޓް ގަތުމަށް ނ. ހޮޅުދޫ އޯކިޑް ވިލާ އާމިނަތު ވަދީފާ އާއި ކަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ހަމްބޯއިން ދެކޮޅު ހަދަމުންދާ ކަމަށް ބުނެ، އެ ފަރާތުން އެޕާޓްމަނަޓް ގަތުމަށް ވެފައިވާ އެއްބަސްވުމެއް އޮތް ކަމަށް ކަޑައަޅައި ދިނުމަށާއި އެ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށާއި އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ އެޕާޓްމަންޓް ހަވާލު ކުރުމަށާއި އެ ތަން ހަވާލު ނުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދެއްކުމަށާއި ޝަރީއަތުގެ ހަރަދު ހޯދުމަށް އެދި އާމިނަތު ވަދީފާގެ ފަރާތުން ހަންބޯގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގެ މައްސަލައެކެވެ.

މި މައްސަލާގައިވާ ގޮތުން، ކޭ-ޕާކް ރެސިޑެންސްގެ ދެވަނަ ފަންގިފިލާގައި ހަދާ އެޕާޓްމަންޓެއް ގަތުމަށް އާމިނަތު ވަދީފާ އާއި ހަންބޯ ކުންފުންޏާ ދެމެދު 12 މެއި 2022 ސޮއިކުރި އެއްބަސްވުމުގެ ދަށުން ގަތް އެ އެޕާޓްމަންޓްގެ ޖުމްލަ އަގަކީ 1,750,000 ރުފިޔާއެވެ.

ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ކަނޑައެޅިފައިވާ މުއްދަތަށް އެޕާޓްމަންޓް ނިންމައި ހަވާލުނުކުރެވި ލަސްވެއްޖެ ނަމަ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރާ ތާރީހާ ހަމައަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންމެ މަހަކު 25،000 ރުފިޔާ ދައްކަން ހަންބޯ ކުންފުނިން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް، އެ ކުންފުނިން ޑިސެމްބަރު 2023 ގެ ނިޔަލަށް އެޕާޓްމަންޓް ހަވާލު ކުރާނެ ކަމަށް އިއުލާން ކުރުމަށް ފަހު ވެސް، އެ ތަން ނިންމައި ހަވާލުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ދައުވާ ފޯމާއި ލިޔެކިޔުންތައް ހަންބޯ ކުންފުންޏާ ހަވާލުކުރުމުން ވެސް، ގާނޫނުގައި ބުނާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ.

އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ ހަންބޯ ކުންފުނީގެ ޣައިރު ހާޒިރުގައެވެ. މައްސަލަ ނިންމައި ޣައިރު ހާޒިރުގައި ހަމްބޯގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ، އެ އެޕާޓްމަންޓަކީ ހަންބޯ ކުންފުނިން އާމިނަތު ވަދީފާއާ ހަވާލުކުރަން ޖެހޭ އެޕާޓްމަންޓެއް ކަމަށެވެ.

އެޕާޓްމަންޓް ހަވާލުކުރުން ލަސްވުމުގެ ބަދަލުގެ ގޮތުގައި، ޖެނުއަރީ، 2023 އިން ފެށިގެން ޖޫން، 2026 ގެ ނިޔަލަށް ޖެހޭ 1,050,000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 10،000 ރުފިޔާއާއެކު ޖުމްލަ 1,060,000 ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެންގިއެވެ.

މީގެ އިތުރުން، މި އަހަރުގެ ޖޫން މަހުން ފެށިގެން އާމިނަތު ވަދީފާއާ އެޕާޓްމަންޓް ހަވާލުކުރާ ތާރީހާ ހަމައަށް ހިނގާ ކޮންމެ މަހަކަށް 25،000 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަމުން ގެންދިއުމަށް ވެސް ހުކުމުގައި އަމުރުކޮށްފައިވެއެވެ.