ދީބާޖާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާ ދެމެދު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވި 51 މިލިއަން ރުފިޔާ ނުދިން މައްސަލައިގައި އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރި މައްސަލައިގައި، ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ޖެހުމުން ކުރީގެ ސަރުކާރުން ދީބާޖާއާ ދެމެދު ސެޓްލްމަންޓް އެއްބަސްވުމެއް ހެދިއެވެ.
އެ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދައުލަތުން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި 51 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައުލަތުން ދީބާޖާއަށް ދައްކާފައެއް ނުވެއެވެ. އެހެންވެ، އެ ފައިސާ ހޯދަން އެ ކުންފުނިން ދައުވާކުރިއެވެ.
ނަމަވެސް އެ މައްސަލަ ކޯޓުގައި އޮއްވައި މި ސަރުކާރުން ވަނީ ސެޓްލްމަންޓް އެއްބަސްވުމަކީ އުފެދުމުގައި ބާތިލު އެއްޗެއް ކަމަށްބުނެ އަމަލު ނުކުރަން ނިންމާފައެވެ. އަދި އަދި އެ މައްސަލަ ތަހުގީގު ކުރަން ނިންމައި އެ އެއްބަސްވުން ބާތިލްކޮށްފައެވެ.
އެހެންވެ ދީބާޖާއިން ކުރި ދައުވާ އެ ކުންފުނިން ފަހުން ވަނީ އަނބުރާ ގެންދަން ހުށަހަޅައިފައެވެ. އެގޮތަށް ހުށަހެޅީ، އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ވަކި ދައުވާއެއް ހުށަހަޅާފައިވާތީ އާއި އެ ދެ ދައުވާއަކީ އެއް މައުޟޫއެއްގެ ދެ ދައުވާއަކަށް ވާތީއެވެ.
ކޮމެންޓް