އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން މޮޅުވެ ޗެލްސީން ތާވަލުގެ ދެވަނައަށް ޖެހިލި އިރު، ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް ކައިރިންވެސް ބޮޑު ބައްޔަކުން ބަލިވެއްޖެއެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު މިއަދު ލީގު ފުޓުބޯޅަ އަލުން ފަށާފައިވާ އިރު، ޗެލްސީން ރަށުން ބޭރުގައި ބާންލީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައި އޮތް ޗެލްސީން މިރޭ ކުޅުނު މެޗުން މޮޅުވެ، ވާދަވެރި އާސެނަލާ ތިން ޕޮއިންޓް ގާތަށް ޖެހިލާފައިވެއެވެ. އެއީ 12 މެޗުން 23 ޕޮއިންޓާއެކުގައެވެ. އާސެނަލް އެއްވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާއެކުގައެވެ.

މެންޗެސްޓާ ސިޓީން މިރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅޭ އިރު، ނިއުކާސަލްއާ އެއްވަރުކޮށްލައިގެންވެސް ސިޓީއަށް ދެވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.

މެޗުގެ ކުރީކޮޅުގައި ޗެލްސީއަށް ގޯލެއް ޖަހަން އުނދަގޫތަަކާ ކުރިމަތިވި އިރު، މެޗު ބޮޑަށް ކޮންޓްރޯލް ކުރީ ބާންލީންނެވެ. އެހެން ނަމަވެސް 37 ވަނަ މިނެޓުގައި ފުރަތަމަ ފަހި ފުރުސަތުގައި ޗެލްސީން ގޯލް ހުޅުވާލިއެވެ. އަރިމަތިން ޖޭމީ ގިޓެންސް ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ ޕެޑްރޯ ނެޓޯއެވެ.

ދެވަނަ ހާފުގައި ޗެލްސީން މެޗުގެ ކޮންޓްރޯލް ހޯދައި، ހަމަޖެހިލައިގެން ކުޅެފައިވާ އިރު، އެޓީމުން ނަތީޖާ ޔަގީންކުރީ އެންޒޯ ފެނާންޑޭޒްގެ ގޯލަކާވެސް އެކުގައެވެ.

މި ސީޒަނުގައި ގޯހުން ގޯހަށް ގޮސްފައި އޮތް ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ފޮރެސްޓުން އެންފީލްޑްގައި އެންމެފަހުން ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، އެއީ އެޓީމުން 62 އަހަރު ފަހުން ހޯދި ޝަރަފެކެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ އެސްޓަން ވިލާ ކައިރިން އެކަންޏެވެ. އިންޓަނޭޝަނަލް ބްރޭކްގެ ކުރިިން މެންޗެސްޓާ ސިޓީ ކައިރިންވެސް 3-0 އިން ބަލިވި އިރު، މިވަގުތު އެޓީމު ތާވަލުގެ 11 ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓާއެކުގައެވެ.

މެޗުގައި ލިވަޕޫލުން 21 ހަމަލާއެއް އުފެއްދި ނަމަވެސް، ފޮރެސްޓްގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ލިވަޕޫލް ޖާޒީގައި 300 ވަނަ މެޗު ކުޅުނު މުހައްމަދު ސަލާހްގެ ފޯމުވެސް ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، އެލެކްސިސް މެކް އަލިސްޓާއަށް ލިބުނު ފުރުސަތުވެސް އޭނާ ނަގާލިއެވެ.

ނޮޓިންހަމް ފޮރެސްޓުން ފޯމުގައި ފަށައި، މުރީލޯގެ ގޯލުން ލީޑު ނެގިއެވެ. އެ ގޯލާއެކު ފޮރެސްޓް ލީޑުގައި އޮވެ ދެވަނަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ނިކޮލޯ ސަވޯނާ ވަނީ ފޮރެސްޓަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެފަހުން މޯގަން ގިބްސް ވައިޓްގެ ގޯލުން ފޮރެސްޓް އިތުރަށް ލީޑު ފުޅާކުރި އިރު، މިރޭގެ ނަތީޖާއާއެކު ލިވަޕޫލް ކޯޗު އާނޭ ސްލޮޓަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.