ޖަލު ހެދުމުގައި އަދި ބިޑި އަޅައިގެން ހުރެ ޝަރީއަތަށް ހާޒިރުވާން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބާއްސަމް އާދިލް ޖަލީލް ދެކޮޅު ހައްދަވައިފިއެވެ.

ފީފާއިން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ދިން ފައިސާތަކަށް ހިޔާނާތްތެރިވެ އަދި އެ ފައިސާ ލޯންޑާކުރިކަމުގެ ކުށް ސާބިތުވުމުގެ ސަބަބުން ބައްސާމް ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް މާފުށި ޖަލުގައި ތަންފީޒު ކުރަމުންނެވެ.

ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ދިނުމުގެ އިތުރު ދައުވާއެއްވެސް ކޮށްފައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ 8:30 އަށް އެ ދެ ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ. އެއީ ބައްސާމް ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތަކެވެ. ނަމަވެސް ވަގުތު ޖެހުނުއިރުވެސް އަޑުއެހުން ފަށައިފައިނުވެއެވެ.

ކުރިމިނަލް ކޯޓުން އެކަމާ ގުޅިގެން ބުނީ ޝަރީއަތް ނުފެށި ލަސްވަނީ ބައްސާމް ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހެދުމުން ކަމަށެވެ. އެފަހުން ކުރިމިނަލް ކޯޓުން ބުނީ ބައްސާމް ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހަދަމުންދަނީ ޖަލު ހެދުމުގައި ބިޑި އަޅުވައިގެން އޭނާ ޝަރީއަތަށް ހާޒިރުކުރާތީ ކަމަށެވެ.

ބައްސާމް ކޯޓަށް ހާޒިރުކުރެވޭނެކަމުގެ ޔަގީންކަން މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ދީފައިވާތީ ޝަރީއަތް ކެންސަލްކޮށްފައިނުވާކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ. އެގޮތުން 11 ޖަހާއިރަށް ބައްސާމް ޝަރީއަތަށް ހާޒިރުކުރެވޭނެކަމަށް ކަރެކްޝަންސްއިން ކޯޓަށް އަންގާފައިވާކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.

މި މައްސަލައިގައި އިތުރު ބައެއްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

އެއީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށްކުރާ މަނީ ލޯންޑަރިންއަށް އެހީވެދިނުމުގެ ކުށުގެ ދައުވާއަކާއި، މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ މައްސަލައިގައި ހަސަން ވަހީދު ނަމަކަށްކިޔާ މީހެއްގެ މައްޗަށް ކުރާ ދައުވާއެކެވެ.

އަދި އަމީން ކޮންސްޓްރަކްޝަންސްގެ މައްޗަށްވެސް ދައުލަތުން ވަނީ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ.

ބައްސާމް ހިމެނޭހެން މި ހުރިހާ ފަރާތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށް، އެއް ޝަރީއަތެއްގެ ގޮތުގައެވެ.