ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ސީދާ ރަތްކާޑާއެކު، ތިން މެޗަށް ސަސްޕެންޑްވެފައި އޮތް އޮތުން، އެއް މެޗަށް ކުޑަ ކުރެވޭތޯ ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން މަސައްކަތް ފަށައިފިއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯއަށް ސީދާ ރަތް ކާޑެއް ދެއްކީ، އެ މެޗުގެ ތެރެއިން އަޔަލޭންޑް ޑިފެންޑަރު ޑަރާ އޯޝެއާ ގައިގައި އުޅަނބޮށިން ޖެހުމުންނެވެ. އެ މެޗުން ޕޯޗުގަލް 2-0 އިން ބަލިވި އިރު، ކޮލިފިކޭޝަންގައި ދެން ޕޯޗުގަލްއަށް ބާކީ އޮތީ އަރްމީނިއާއާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ.

އަރްމީނިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ޕޯޗުގަލްއަށް އަމިއްލަ ބާރުގައި ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީން ކުރެވެން އޮތް އިރު، މިހާރު އޮތް ގޮތުން ރޮނާލްޑޯއަށް އެ މެޗު ގެއްލޭނެއެވެ. އޭގެ އިތުރުން އިތުރު ދެ މެޗު ގެއްލޭ އިރު، އެ ދެ މެޗަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ދެ މެޗަށްވުންވެސް އެކަށީގެންވެއެވެ.

ޕޯޗުގަލް އަރްމީނިއާ ކައިރިން ބަލިވެ، ޕްލޭ އޮފް އަކަށް ގޮސްފިނަމަ، ރޮނާލްޑޯއަށް ޕްލޭ އޮފްގެ ތެރެއިން ދެ މެޗެއްވެސް ގެއްލޭނެއެވެ.

އެ ހާލަތަށް ދާން ބޭނުން ނުވާތީ ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން އިސްތިއުނާފެއް ތައްޔާރުކޮށްފައިވާ ކަމަށް އިތުބާރު ނޫސްތައް ބުނެފައިވެއެވެ.

އެގޮތުން ޕޯޗުގަލްއިން މައިގަނޑު ދެ ކަމެއް އެ އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. އޭގެ ތެރެއިން އެއް ކަމަކަށް ފާހަގަކުރެވިފައި ވަނީ އެެ މެޗުގައި އަޔަލޭންޑް ސަޕޯޓަރުން ރޮނާލްޑޯއާ ދިމާކުރަމުން ދިޔުމަކީ ރަތް ކާޑަށް މަގުފަހި ކަމެއް ކަމަށް ފާހަގަކޮށްފައިވާ ޕޮއިންޓެވެ.

ނޫސްތަކުން އިތުރަށް ބުނީ ރަތް ކާޑަށް މަގުފަހިވި އަނެއް ކަމެއްގެ ގޮތުގައި ޕޯޗުގަލް ފުޓުބޯޅަ އިދާރާއިން ފާހަގަކުރީ އޯޝެއާ ރޮނާލްޑޯ ޖާޒީގައި ކުރީބައިގައި ހިފަހައްޓާފައި އޮތުމެވެ.