ޕޯޗުގަލްގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފިއެވެ.
ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހިގެން ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލީ ކުއްލިއަކަށެވެ. ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ޕޯޗުގަލްގެ ކޭމްޕް ދޫކޮށްލުމަށްފަހު ރޮނާލްޑޯ ބުނީ ކޯޗުގެ ޕްރެސްއާ ގުޅިގެންނާއި، ޕޯޗުގަލް ފެޑަރޭޝަނުގެ ރައީސާ ދެއްކި ވާހަކަތަކަށްފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕޯޗުގަލްގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ހާމަކުރާނެ ކަމަށާއި، އަބަދުވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދީފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
އޭގެފަހުން އިންސްޓަގްރާމްގައި ބަޔާނެއް އާންމުކޮށްފައިވާ އިރު، އެ ބަޔާނަކީ ގާތްގަނޑަކަށް 2000 ބަހުގެ ބަޔާނެކެވެ. ރޮނާލްޑޯ ވަނީ ގައުމީ ޓީމު ދޫކޮށްލަން ޖެހުނު ސަބަބުވެސް އެ ބަޔާނުގައި ބުނެފައެވެ. އަދި ރިޓަޔާކުރަން އޭރު ނުވިސްނާ ކަމަށްވެސް ރޮނާލްޑޯ ބުނި އިރު، އެ މައްސަލައިގައި އުމުރުން 41 އަހަރުގެ ފޯވަޑް ޕޯޗުގަލް ގައުމީ ޓީމުގެ ޑިސިޕްލިނަރީ ކައުންސިލުން ވަނީ އަދަބު ދީފައެވެ. އެއީ 30 ދުވަހަށް ސަސްޕެންޑްކޮށް، 285.83 ޑޮލަރުން ޖޫރިމަނާކުރުމަށެވެ.
ރޮނާލްޑޯ އިންސްޓަގްރާމްގައި އާންމުކުރި މެސެޖެއްގައި ބުނީ މިއީ އޭނާ ގައުމީ ޓީމުގެ ހަތް ނަމްބަރު ދޫކޮށްލަން ޖެހޭ ވަގުތު ކަމަށެވެ. އަދި މިދިޔަ 23 އަހަރު ދުވަހު ގައުމީ ޓީމާއެކު ހޭދަކުރި ދުވަސްތަކުގައި ގޯލްތަކާއި ރެކޯޑުތައް ހެދި ތަށި ހޯދިފައިވުމުން އެ ދަތުރު ހާއްސަ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ބުނީ ގައުމީ ޓީމުގައި ޖާޒީގައި އޭނާ ހުރިހާ މަސައްކަތެއް ކޮށްދިން ކަމަށާއި، 2003 ވަނަ އަހަރު ފެށި ދަތުރުގައި ޕޯޗުގަލްގެ ހުރިހާ ރައްޔިތުންނާ ގާތް ގުޅުމެއް އުފެދުނު ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން އެއީ ލިބުނު އެންމެ ބޮޑު ފަހުރު ކަމަށްވެސް ރޮނާލްޑޯ ފާހަގަކޮށްފައިވެއެވެ.
ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 234 މެޗު ކުޅެ، ރެކޯޑު 146 ގޯލް ޖަހައިދީފައެވެ. ރޮނާލްޑޯއަކީ ގައުމީ ޓީމަކަށް އެންމެ ގިނައިން ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯއާއި 2019 އަދި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައިވެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް