ގައުމީ ޓީމުގެ ތަމްރީނުތަކަށް ނުނުކުމެ، ފުޓްސަލް މުބާރާތަކަށް އިސްކަން ދެވުމަކީ ހެދުނު ގޯހެއް ކަމަށް ބުނެ، މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) މައާފަށް އެދިއްޖެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗަށް ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި ބައިވެރިނުވެ، ފުޓްސަލް މުބާރާތެއް ކުޅެން ދިޔުމުން އައިހަމް ސްކޮޑުން ބޭރުކުރީ އެފްއޭއެމްގެ ބަޔާނަކާ އެކުގައެވެ.
މި މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އޭޝިއަަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމުން ކުޅޭ މެޗަށް މިދިޔަ ހޯމަ ދުވަހު ހަވީރު ގައުމީ ފުޓްބޯޅަ ޓީމު ވަނީ ޕްރެކްޓިސްތައް ފަށައިފައެވެ. އެފްއޭއެމުން 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި، ޕްރެކްޓިސް ފެށި އިރު، އެ ސެޝަނުގައި އައިހަމް ބައިވެރިވެފައެއް ނުވެއެވެ.
އައިހަމް އޭރު ހުރީ ތިލައުތުރު ފުޓްސަލް މުބާރާތުގައި ކުޅުމަށް އުތީމުގައެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އައިހަމް މިއަދު ރަސްމީ ތަމްރީނުތަކަށް ނުކުމެފައި ނުވާ ކަމަށާއި، އޭނާއަށް ފަރިތަކުންތަކުގައި ބައިވެރި ނުވެވުނީ ފުޓްސަލް މުބާރާތަކަށް ވަގުތު ދޭން ޖެހުމުން ކަމަށެވެ. އަދި އެ މުބާރާތުގައި އައިހަމް ކުޅެމުން ދަނީ ކުރީބައިގައި ޓީމުގެ ހުއްދަ ނުހޯދާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ އެދުމަކީ ގައުމީ ޓީމުގެ ކުޅުންތެރިން ގައުމު ތަމްސީލުކުރަން ލިބޭ ފުރުސަތުތަކުގައި އެންމެ ފުރިހަމައަށް އެކަމަށް ވަގުތު ހުސްކޮށް، ޕްރޮފެޝަނަލް ވުން ކަމަށެވެ.
އައިހަމް ސްކޮޑުން ބޭރު ކުރުމާއެކުވެސް، އޭނާ ވަނީ ސެމީ ފައިނަލާއި ފައިނަލްވެސް ކުޅެފައެވެ. އައިހަމްގެ ފަރާތުން މައާފަށް އެދިފައި ވަނީ އޭގެފަހުންނެވެ.
އައިހަމް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދާދިފަހުން ހިނގާ ދިޔަ ކަންތައްތަކާ ގުޅިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ސްޓާފުންނާއި ޓީމުގެ ކުޅުންތެރިންނާއި ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ކުރެވުނު ކުށުގެ ޒިންމާ ފުރިހަމައަށް ނަގައި ކަމަށާއި، ގައުމީ ޓީމުގެ ޕްރެކްޓިސް ދޫކޮށްލެވުމަކީ ކުރެވުނު އަންޕްރޮފެޝަނަލް ކަމެއް ކަމަށެވެ. އަދި ގައުމު ތަމްސީލުކުރުމަކީ އަބަދުވެސް އެންމެ ފަހުރުވެރިވާ ކަންތައް ކަމަށާއި، އެކަމުގައި އަލުން އިތުބާރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އައިހަމް ބުނީ ކުރެވުނު ކަންތައްތަކުން އިބުރަތް ހާސިލްކުރާނެ ކަމަށާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ސަޕޯޓަރުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު