ރާއްޖޭގެ ލީގު ފޯމެޓަށް ގެނައި ބަދަލާއެކު އަތޮޅު ތެރޭގައި ކުރިއަށްދާ ރީޖަން މުބާރާތުގެ ތެރެއިން، ނޯތު ރީޖަން މުބާރާތުގެ ޗެމްޕިއަންކަން ހއ. ދިއްދޫން ހޯދައިފިއެވެ.

ދިއްދޫން ނޯތު ލީގުގެ ޗެމްޕިއަންކަން ޔަގީންކުރި މިއަދު ހދ. ހަނިމާދޫ ކައިރިން ފަހަތުން އަރައި 2-1 އިން މޮޅުވެގެންނެވެ.

ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް ގެނައި ބޮޑު ބަދަލަކާއެކު މިހާރު ފުޓުބޯޅަ ކުޅެމުން ދަނީ ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. އެއީ ނޯތު، ސެންޓްރަލް، ސައުތު އަދި މާލެ ރީޖަނަށެވެ. ކޮންމެ ރީޖަނަކުންވެސް ޗެމްޕިއަން ޓީމު، ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރާ އިރު، ކޮލިފިކޭޝަން މުބާރާތުގައި ރީޖަނަލް ޗެމްޕިއަނުންގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނައާއި އަށް ވަނައަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާނެއެވެ.

ހަ ޓީމު ވާދަކުރާ ކޮލިފިކޭޝަންގެ ތެރެއިން ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 2026-2027 ގެ ޖާގަ ލިބޭނެއެވެ.

ދިއްދޫން ނޯތު ލީގު ކާމިޔާބުކުރީ ބާކީ މެޗެއް އޮއްވައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ފަސް މޮޅާއެކު ދިއްދޫން ވަނީ 15 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް ހަނިމާދުއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ބ. އޭދަފުށްޓަށް ހަތަރު މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ފުލުގައި އޮތް ނ. މަނަދުށް ހަތަރު މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބެއެވެ. ދިއްދުއަށް ބާކީ ދެން އޮތީ އޭދަފުށްޓާ ދެކޮޅަށް ކުޅޭ މެޗެވެ.

ރޭ ބިސް ބުރު ސްޕޯޓްސް ކްލަބުން މާލޭ ޒޯން ކާމިޔާބުކުރި އިރު، އެޓީމަށްވެސް ވަނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބިފައެވެ.