އެފްއޭއެމް ރީޖަނަލް ލީގުގެ ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ކ. ހުރައަށް ލިބުމަށް މެދުވެރި މެޗުގެ މައްސަލައިގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވާ ނިންމުން ގޯސް ކަމަށާއި، އެ ނިންމުން އަލުން މުރާޖާ ކޮށްދޭން ކުޑަހުވަދޫ ފުޓުބޯޅަ ޓީމުގެ ފަރާތުން، އެރަށު ކައުންސިލް އިދާރާއިން އެދިއްޖެއެވެ.
އެ ރީޖަންގެ ޗެމްޕިއަންކަން ހުރައަށް ލިބުނީ ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗުގެ ނަތީޖާއާ ދޭތެރޭ އެފްއޭއެމްއިން ނިންމި ބޮޑު ނިންމުމަކާ އެކުގައެވެ.
ރީޖަންގެ ޗެމްޕިއަންކަމަށް ވާދަކުރި ކުޑަހުވަދޫއާއި ހުރާ ފަހު މެޗުގައި ވާދަކޮށް މޮޅުވީ ކުޑަހުވަދުއެވެ. އެއީ 4-1 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް އެމެޗަށްފަހު އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މެޗުގައި ބޭނުން ނުކުރެވޭނެ ކުޅުންތެރިން ލައްވާ ކުޑަހުވަދޫން ކުޅިވިކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ބަލައި، އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ ކުޑަހުވަދޫން، މެޗުގައި ނުކުޅެވޭނެ ދެ ކުޅުންތެރިން ބޭނުންކުރި ކަމަށާއި، ގަވާއިދުގެ 3.3 މާއްދާއަށް ބަލައި، ކުޑަހުވަަދޫން މެޗު ދޫކޮށްލި ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅު ޓީމު ކަމަށްވާ ހުރާ، 2-0 އިން ނަތީޖާއަކުން މޮޅުވި ކަމަށްވެސް ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
އެ ނިންމުމާއެކު، ސެންޓްރަލް ލީގުގެ ތާވަލުގެ އެއްވަނަ ހުރައަށް ލިބުނީ، ހަ މެޗުން 13 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ކުޑަހުވަދޫ އޮތީ ހަ މެޗުން، އަށް ޕޮއިންޓް ހޯދައިގެންނެވެ.
އެ ނިންމުން އިސްތިއުނާފުކޮށްދޭން އިއްޔެ ކުޑަހުވަދޫ ކައުންސިލް އެދި ނެރެފައިވާ ބަޔާނުގައި 10 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެއީ އެފްއޭއެމްއިން ނިންމުން ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ.
ކުޑަހުވަދޫން ބުނީ ހުރާ މެޗުގައި ގަވާއިދާ ހިލާފަށް ކުޅުނު ކަމަށް ބުނާ ކުޅުންތެރިޔަކީ 21 ނަމްބަރު އަޔާޒް މުހައްމަދު ކަމަށާއި، އެ މެޗަށް ނުކުތްއިރު އަޔާޒްގެ ދެ ރީނދޫ ކާޑުހަމަވެ ސަސްޕެންޑްވެފައިވާކަން ކުރީ މެޗުތަކުގެ އެއްވެސް ރިޕޯޓަކުން ފެންނަން ނެތް ކަމަށެވެ.
އަދި އެފްއޭއެމްއިން އަޔާޒަށް ރީނދޫ ކާޑެއް ދެއްކި ކަމަށް ބުނާ 18 މޭ ގައި ކުޅުނު މެޗުގައި އޭނާ ނުކުޅޭ ކަމަށާއި، އެއީ މެޗު ޝީޓްގެ އޮޅުމެއް ކަމަށްވެސް ކުޑަހުވަދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން އެފްއޭއެމްއިން މުބާރާތުގެ ނަން ތަކުރާރުކޮށް ބަދަލުކުރި ކަމަށް ކުޑަހުވަދޫ ކައުންސިލުން ތުހުމަތުކޮށްފައިވާ އިރު، ފަހުގެ ނަމުގައި ގަވާއިދު ފޮނުވާފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިން ކ. ހުރައާ ވާދަކުރި މެޗެއްގައި ދެޓީމުގައިވެސް ސަސްޕެންޝަނުގައި ތިބި ކުޅުންތެރިންނަށް އަނބަހުން މައާފުދީ ކުޅުވި ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ކުޑަހުވަދޫ ޓީމު ފަރާތުން ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ހުރައިން މައްސަލަ ހުށަހެޅީ މެޗަށްފަހު އޮންނަ 30 މިނެޓުގެ ވަގުތު ފާއިތުވިފަހުން ކަމަށެވެ. އަދި ހުރައާ ވާދަކުރި ފަހު މެޗުގެ ކުރިން މެޗު ކޮމިޝަނަރު އެފްއޭއެމްގެ ކޮމިޕެޓިޝަން ޑިޕާޓްމަންޓަށް ގުޅައި، އަޔާޒަށް ކުޅެވޭނެކަން ސާފުވެސް ކުރި ކަމަށެވެ.
އެއާއެކު ކުޑަހުވަދޫން ކުރި ހުށަހެޅި މައްސަލައެއް އެފްއޭއެމްއިން ނުބަލައިކަންވެސް ފާހަގަކޮށް، އިންސާފުކަން ކަންކަން ކުރަން އެދޭ ކަމަށް ބަޔާނުގައިވެއެވެ.
އެ އެޕީލް ބަލައިގަންނަން އެފްއޭއެމްއިން ނިންމާފައިވާކަމެއް އަދި އެނގިފައެއް ނުވެއެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް