އެފްއޭއެމް ރީޖަނަލް ލީގުގެ ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާ ހޯދައިފިއެވެ.
އެ ރީޖަންގެ ޗެމްޕިއަންކަން ހުރައަށް ލިބުނީ ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗުގެ ނަތީޖާއާ ދޭތެރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމި ނިންމުމަކާ އެކުގައެވެ.
އެ ރީޖަންގެ ޗެމްޕިއަންކަމަށް ވާދަކުރި ކުޑަހުވަދޫ އާއި ހުރާ ފަހު މެޗުގައި ވާދަކޮށް މޮޅުވީ ކުޑަހުވަދުއެވެ. އެއީ 4-1 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް އެމެޗަށްފަހު އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މެޗުގައި ބޭނުން ނުކުރެވޭނެ ކުޅުންތެރިން ލައްވާ ކުޑަހުވަދޫން ކުޅިވިކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ބަލައި، މިރޭ ނެރުނު ބަޔާނުގައި ބުނީ ކުޑަހުވަދޫން، މެޗުގައި ނުކުޅެވޭނެ ދެ ކުޅުންތެރިން ބޭނުންކުރި ކަމަށާއި، ގަވާއިދުގެ 3.3 މާއްދާއަށް ބަލައި، ކުޑަހުވަަދޫން މެޗު ދޫކޮށްލި ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅު ޓީމު ކަމަށްވާ ހުރާ، 2-0 އިން ނަތީޖާއަކުން މޮޅުވި ކަމަށްވެސް ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
އެ ނިންމުމާއެކު، ސެންޓްރަލް ލީގުގެ ތާވަލުގެ އެއްވަނަ ހުރައަށް ލިބުނީ، ހަ މެޗުން 13 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި މިވަގުތު ކުޑަހުވަދޫ އޮތީ ހަ މެޗުން، އަށް ޕޮއިންޓް ހޯދައިގެންނެވެ. ސެންޓަރަލް ލީގުގެ ތިން ވަނައިގައި އޮތް ދ. މީދުއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އދ. މަހިބަދޫ ފުލުގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. މީދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް މަހިބަދުއަށް ދަތުރުނުކުރެވޭތީ އެމެޗު ވަނީ ފަސްކޮށްފައެވެ.
އެފްއޭއެމްއިން ބުނީ އެ މައްސަލަ އިތުރަށް ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
ރާއްޖޭގެ އާ ފުޓުބޯޅަ އޮނިގަނޑަށް އަތޮޅު ތެރޭގައި ރީޖަން ލީގުތައް ކުޅެމުންދާ އިރު، ހަތަރު ރީޖަންގެ ޗެމްޕިއަނުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ދާނެއެވެ. އޭގެ ތެރެއިން މިހާތަނަށް ހުރާގެ އިތުރުން ހއ. ދިއްދޫވެސް ވަނީ ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ. އޭގެ އިތުރުން މާލޭ ރީޖަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބުވެސް ކޮލިފިކޭޝަންގައި ވާދަކުރާ އިރު، ދެން ކޮލިފިކޭޝަންގައި ކުޅޭނީ ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނައާއި އަށް ވަނައަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް