ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓު، އެ ގައުމާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެމްއެންޑީއެފުން މިމަހުގެ ހަތްވަނަ ދުވަހު ބުނެފައިވަނީ އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައެވެ. ނަމަވެސް އެ ބޯޓާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ލަންކާގެ ނޫސްތަކުން މިމަހުގެ އަށްވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްއެންޑީއެފުން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އަދި އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިޔަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެ ފަހުން ފުލުހުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓަކުން ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ފާސްކުރި އިރު 24 ގޯނި ފެނިފައިވާ ކަމަށާއި އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރާ ކަމަށެވެ. އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ބޯޓްގައި ސްރީ ލަންކާގެ ފަސް ފިރިހެނުން ތިބި ކަމަށެވެ. އެއީ އުމުރުން 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރު އަދި 63 އަހަރުގެ ފިރިހެނުން ކަމަށާއި އެ އެންމެން މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހުރިހާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ލަންކާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނު ބޯޓު ލަންކާއާ ހަވާލުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރުދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އެ ނޫހުން ރިޕޯޓެއް ނުކުރެއެވެ.

ލަންކާގެ ޕަބްލިކް ސެކިއުރެޓީ އެންޑް ޕާލިމެންޓްރީ އެފެއާސް އާނަންޑާ ވިޖެޕެލާއާ ހަވާލާދީ ލަންކާގެ ނޫސްތަކުން މިމަހުގެ ނުވަވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ ފުލުހުންނާއި ލަންކާގެ ނޭވީގެ އޮފިސަރުންވެސް ދަނީ މި މައްސަލައިގެ ތަހުގީގަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

ބޯޓުގައި ތިބި ލަންކާގެ ރައްޔިތުން ލަންކާއަށް ގެނެވޭތޯ ބެލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އާނަންޑާ ވިޖެޕެލާއާ ވިދާޅުވިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.