ޖަދުވަލު އެކެއްގައިވާ މަސްްތުވާއެއްޗެއް ޓްރެފިކް ކުރި މައްސަލައިގައި، ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި 100،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރަން ވެސް ހުކުމް ކޮށްފައިވެއެވެ.
މި މައްސަލައަކީ، ހަނީފް އާއި އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށާއި އެކުވެނި ސަރަހައްދުގައި އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ މުއާމަލާތެއް ކުރިއަށްގެންދަން އުޅޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތުކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ އަތުލައިގަނެ ހިންގި ތަހުގީގާ ގުޅޭ މައްސަލައެކެވެ.
އެ ދުވަހު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މާލޭގެ ވައިދެރިޔާ ހިނގުމުން އޭނާ ހިނގާފައި ގޮސް ކުރެދި ގޯޅި ކަންމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލުގެ މަޑިދަށަށް އޭނާގެ އަތުގައި އޮތް ނޫކުލައިގެ ފޮތިކޮތަޅެއްލައި، މަޑި ލެއްޕުމަށްފަހު ހިނގައިގަތުމުން ފުލުހުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލެމުގެ ދަށަށް ގެންދިޔައެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެ ސައިކަލް މަޑިދައް ބަލައި ފާސްކުރި އިރު ފޮތި ކޮތަޅެއްގެ ތެެރެއިން ފެނުނު ދެ ރަބަރު ޕެކެޓްގައި މެޓަމްފެޓަމިން ރެސިމޭޓް ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކައެވެ.
އެ މައްސަލައިގައި ފުލުހުން އޭނާއާ ސުވާލު ކުރުމުން އެއީ އޭނާ މަސައްކަތް ކުރާ "ވިނޯވާ" ލޯންޗް ކައިރީގައި އަޅާފައި އޮތް "އަވިކަތަ" ލޯންޗްގެ ވަތު ތެރެއިން ނެގި އެއްޗެއް ކަމަށާއި އެ ލޯންޗްގެ ވަތުތެރޭގައި އިތުރު މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ގާތު އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި ފުލުހުން އެ ލޯންޗް ބަލައި ފާސްކުރި އިރު، ލޯންޗްގެ ކުރީކޮޅު ވަތުން ނެގި ފުޅިމަދު ފޮށިގަނޑެއްގެ ތެރެއިން ނެގި ތިން ފޮތިކޮތަޅުން ފެނުނު ހަތަރު ރަބަރު ޕެކެޓުންނާއި އޭނާ މަސައްކަތް ކުރާ "ވިނޯވާ" ލޯންޗް ބަަލައި ފާސްކުރި އިރު އެ ލޯންޗްގެ ތެެރެއިން ހުސް ޖޫސްޕެކެޓް ކޮތަޅުތަކާއި ދެ ޑިޖިޓަލް ކައްޓާ ފެނިފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ހަނީފްގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްްތުވާއެއްޗެއް ޓްރެފިކް ކުރި ދައުވާ ކުރުމުން، އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ.
އެހެންކަމުން އަމިއްލަ އިއުތިރާފުން ހަނީފްގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްްތުވާއެއްޗެއް ޓްރެފިކް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 14 އަހަރާއި ހަތަރު މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރިއެވެ. އަދި ޖޫރިމަނާ ކުރި 100،000 ރުފިޔާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯއިޓީއަށް ދެއްކުމަށް ވެސް ހުކުމްގައި އޭނާއަށް ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް