ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ.
އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ހދ އަތޮޅު މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، އެ މުބާރާތުގައި ވާދަކުރީ ކުޅުދުއްފުއްޓާއި ނެއްލައިދޫ، ހަނިމާދޫ އަދި ނޮޅިވަރަމެވެ.
ފައިނަލުގައި ހޯސްޓް ކުޅުދުއްފުއްޓާއި ހަނިމާދޫ ވާދަކުރި އިރު، އެމެޗު ކުޅުދުއްފުށިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ކުޅުދުއްފުށީގެ މުހައްމަދު މުރްސިފް، 22 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދީފައިވާ އިރު، ދެވަނަ ހާފު ކުރީކޮޅުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޝިފާނެވެ.
އޭގެ ފަސް ވަރަކަށް މިނެޓްފަހުން އަލީ ހުސެން ޖެހި ގޯލުން ހަނިމާދޫ ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ޒައިދު މުހައްމަދު ވަނީ ކުޅުދުއްފުށީގެ ތިންވަނަ ގޯލް ޖަހައި، ތަށި ޔަގީންކޮށްދީފައެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް