ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓުން 350 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓު ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށެވެ.
އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު މިއަދު ފާސްކުރި އިރު 24 ގޯނި ފެނިފައިވާ ކަމަށާއި އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރާ ކަމަށެވެ. އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ ބޯޓްގައި ސްރީ ލަންކާގެ ފަސް ފިރިހެނުން ތިއްބި ކަމަށެވެ. އެއީ އުމުރުން 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރު އަދި 63 އަހަރުގެ ފިރިހެނުން ކަމަށާއި އެ އެންމެން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީ ލަންކަން ނޭވީ އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި