އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގައި ބައިވެރިވުމުގެ ސަބަބުން ޔާމީންގެ ދައްތަ، އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
އައިޝަތު ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު (ސިވިލް މަގާމެއްގައި) ހުރެ 08 އޮގަސްޓު 2017 ގައި ހޯމް މިނިސްޓްރީން ނަގަންޖެހޭ ދެ ހުއްދައެއް ނުނަގައި ބޭއްވި އެއްވުމެއްގައި ބައިވެރިވިއެވެ. އައިޝަތުގެ އެ އަމަލަކީ ފުލުހުންގެ ގަވާއިދުތަކާއި މަސްލަހަތު ފުށުއަރާ އަމަލަކަށްވާތީ، ފުލުހުންގެ ޑިސިޕިލިނަރީ ބޯޑުން 16 އޮގަސްޓް 2017 ގައި ނިންމާފައިވަނީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށެވެ.
ޑިސިޕިލިނަރީ ބޯޑުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އާއިޝަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިމޭ ތާރީހާ ހަމައަށް ހައްގުވާ މުސާރައާއި އިނާޔަތުގެ ގޮތުގައި 441,111.14 ރުފިޔާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އާއިޝަތުގެ ފަރާތުން އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމީ ފުލުހުންގެ ވަޒީފާއިން އާއިޝަތު ވަކިކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދުގެ ދަށުން ކަމަށާއި އަދި މައްސަލައިގައި ގެއްލުމުގެ ބަދަލެއް ނަގައިދެވެން ނެތް ކަމަށެވެ. އެހެންވެ އޭނާ ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ އާއިޝަތު، ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށްވުމުން އޭނާގެ ވަޒީފާ އަލުން ރުޖޫއަ ކުރުމަށާއި އޭނާއަށް ހަމަސް ދުވަހުގެ މުސާރަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދޭން ޖެހޭ ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުން ދައުލަތް (ފުލުހުން) ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު އިބްރާހިމް މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގައި އާއިޝަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްފައިވަނީ އޭނާ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީވެ މުސާރަ އާއި އިނާޔަތްތައް ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށް އެދިފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަ ބަލަނީ ދަށު ކޯޓަށް ހުށަހެޅިފައިވާ ކަންކަމަކީ މައްސަލައިގެ އަސާސްކަމަށް ބަލައިގެން ކަމަށްވާތީ، ދަށު ކޯޓުގައި އެދިފައިނުވާ ފަރުވާއެއް، މަތީ ކޯޓުތަކަށް ނަގައިދިނުމަކީ އާންމުކޮށް އަމަލުކުރަމުންދާ އިޖުރާއަތްތަކާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން އާއިޝަތުގެ ވަޒީފާ، ރުޖޫއަކޮށްދިނުމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ވަޒީފާގެ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމަށާއި ހުދޫދެއް ނެތި މުޅި މުއްދަތަށް މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަކީ ލާޒިމްކުރެވިދާނެކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަގައިދެވޭ ކޮންމެ ބަދަލެއްގެ ކުރިއަށް އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ބަލައި ވަޒަންކުރުން ޖެހޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި އާއިޝަތު ސިވިލް ކޯޓުގައި އެދިފައިވަނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިމޭ ތާރީހާ ހަމައަށް ހައްގުވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަމަށާއި އެގޮތުން 441,111.14 ރުފިޔާ ނަގައިދިނުމަށް އެދިފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އޭގެ ފަހުން، ހައިކޯޓުގައި އާއިޝަތުގެ ފަރާތުން އެދިފައިވަނީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުގައި ހުށަހެޅި ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ބަދަލު ލިބިދިނުމަށެވެ. ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބަޔާންކޮށްފައިވަނީ ގެއްލުމުގެ ބަދަލު މައްސަލަ ނިމޭ ތާރީހާ ހަމައަށް ނަގައިދިނުމަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހައިކޯޓުން ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ ވަޒީފާ ރުޖޫއަކުރާ ހާލަތުގައި ބަދަލު ކަނޑައެޅުމުގައި ބަލާ އަސާސީ ހަމައަށް ރިއާޔަތްކޮށް ހަމަސް ދުވަހުގެ މުސާރަ އާއި އިނާޔަތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މިހާރު އޮތް ސުވާލަކީ ވަޒީފާ ރުޖޫއަނުކުރާ ހާލަތުގައި އާއިޝަތުއަށް ހައްގުވާ ބަދަލު ކަނޑައެޅުންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ވަޒީފާ ރުޖޫއަނުކުރާ ހާލަތުގައި މުވައްޒަފަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެހެން ގޮތަކަށް ސާބިތުނުވާ ހާލަތުގައި އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަކީ ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ ހަމައެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން އާއިޝަތު ފުލުހުންގެ ވަޒީފާއިން އުސޫލުތަކާ ހިލާފަށް ވަކިކޮށްފައިވާތީވެ އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ހައްގުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ އާއިޝަތުގެ ވަޒީފާ ރުޖޫއަ ކޮށްދިނުމަށް ހައިކޯޓުން ނިންމާފައިވާ ބައި ބާތިލުކޮށް އެހެނިހެން ބައިތަކަށް ތާއީދުކޮށް އާއިޝަތަށް ބަދަލުގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުގެ ނިސްބަތުން އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ހައްގުވާކަމަށް ކަނޑައެޅުމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ތާއީދުކުރެއްވިއެވެ.
އެހެންވެ ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލައިގައި ކުރި ހުކުމުގައި ފަނޑިޔާރު މުހައްމަދު އިބްރާހިމް ވިދާޅުވީ އާއިޝަތުގެ ވަޒީފާ ރުޖޫއަކޮށްދިނުމަށް ހައިކޯޓުން ނިންމާފައިވާ ބައި ބާތިލުކޮށް، އެހެނިހެން ބައިތަކަށް ތާއީދުކުރާ ކަމަށެވެ.
އަދި އާއިޝަތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުގެ ނިސްބަތުން އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ހައްގުވާ ކަމަށް ކަނޑައަޅައި އެ ފައިސާ 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ފުލުހުންގެ މައްޗަށް އަންގައި ހުކުމްކުރާ ކަމަށެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް