ކްލަބު ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ކުރިމަގަށް ވިސްނަން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޕޯޗުގަލްގެ ކެޕްޓަން، އަލް ނަސްރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އޭނާގެ ގާތް އެކުވެރިޔާ، ޓީވީ ހޯސްޓް ޕިއާސް މޯގަންއަށް ވަރުގަދަ އިންޓަވިއުއެއް ދީފައިވާ އިރު، އެ އިންޓަވިއުގައި އޭނާ ވަނީ ޔުނައިޓެޑަށް ފާޑު ކިޔައިފައެވެ.
ރޮނާލްޑޯ ބުނީ ޔުނައިޓެޑްގެ ހާލަތު އަދިވެސް އޮތީ ރަނގަޅަށް ނޫން ކަމަށާއި، އެ ކްލަބުގެ އޮނިގަނޑު އޮތީ ފެއިލްވެފައި ކަމަށެވެ. އަދި ބައެއް ކުޅުންތެރިންނަށް ޔުނައިޓެޑް ޖާޒީގެ އަގު ނޭނގޭ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ މިހާރުގެ ކޯޗު އަމޯރިމް ކުރަމުންދާ މަސައްކަތަކީ އޭނާއަށް ވީވަރެއް ކުރުން ނަމަވެސް، ލީގު ލިބެން އަދި ގާތްވެސް ނެތް ކަމަށެވެ. އެއާ ހިލާފަށް އާސެނަލަށް ލީގު ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށް ރޮނާލްޑޯ ބުންޏެވެ.
"ޕޯޗުގަލްގައި ބުނާ ބަހެއް އޮންނާނެ. އެއީ އަޖައިބުކުރުވާ ކަންކަން ވާނީ ހަމައެކަނި ފާތިމަ އަށޭ ބުނާ ބުނުން. އެކަމެއް ނުވާނެ އަމޯރިމްއަކަށް،" ރޮނާލްޑޯ ބުނެފައިވެއެވެ.
އެވާހަކަތަކަށް ދޭނެ ރައްދަކީ ކޮބައިތީ ނޫސްވެރިން ސުވާލުކުރުމުން އަމޯރިމް ބުނީ ރޮނާލްޑޯ ދައްކާ ވާހަކައިގައި އަބަދުވެސް ބުރަދަން ހުންނާނެ ނަމަވެސް، އެ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ.
"ރޮނާލްޑޯ ދައްކާ ވާހަކަތަކުން އަސަރުކުރާނެ. އެއީ ޔަގީންކަމެއް. އެކަމަކު އެކަމަށް ފޯކަސް ކުރާކަށް މިވަގުތު ބޭނުމެއް ނޫން. ބޭނުން ވަނީ ކުރިމަގަށް ވިސްނަން. އަހަންނަށްވެސް އެނގޭ ޔުނައިޓެޑުން މިދިޔަ ދުވަސްތަކުގައި ގޯސްތައް ހެދިކަން. އެހެންވިޔަސް އެކަންކަން ބަދަލުކުރަން މި މަސައްކަތް ކުރަނީ. އެހެންވީމަ އެކަމަށް ފޯކަސް ކުރަމާ ހިނގާ،" އަމޯރިމް ބުންޏެވެ.
އަމޯރިމް ހަވާލުވިފަހުންވެސް ދަށް ފޯމެއްގައި އޮތް ޔުނައިޓެޑަށް މިދިޔަ މަސް ވެގެން ދިޔައީ ފޯމު ރަނގަޅު މަހަކަށެވެ. އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވި އެވެ. އެއާއެކު ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ދެވަނައަށް އެރުމަށް އެޓީމަށް ފުރުސަތު އެބައޮތެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް