ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ބްރޫޝިއާ ޑޯޓްމުންޑް ބަލިކުރި އިރު، ބާސެލޯނާއާއި ޗެލްސީން ކުޅުނު މެޗުތަކުން އެއްވަރު ވެއްޖެއެވެ.

ސިޓީން އަމިއްލަ ދަނޑުގައި ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ލީގު ބުރުގައި ސިޓީން ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި، އެޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.

ޑޯޓްމުންޑަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބުމާއެކު އެޓީމު އޮތީ 14 ވަނައިގައެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ސިޓީން މެޗު ޑޮމިނޭޓް ކޮށް ކުޅެފައިވާ އިރު، އެ ހާފުގައިވެސް ދެ ގޯލް ޖަހާފައިވެއެވެ. ސިޓީގެ ގޯލްތައް ޖަހައިދިނީ ފިލް ފޮޑެންއާއި އާލިން ހާލަންޑެވެ.

ފޮޑެން ފުރަތަމަ ގޯލް ޖެހުމުގެ ކުރިންވެސް ނުރައްކާ ކޮށްފައިވާ އިރު، އޭނާ ޖެހި ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކުރީ ތިޖާނީ ރެއިންޑާސްއެވެ. ހާލަންޑް ފުރަތަމަ ހާފުގައި ޖެހި ގޯލަކީ ޖެރެމީ ޑޮކޫ ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.

ސިޓީން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ނުރައްކާ ކުރިއެވެ. ނިކޯ އޮރެއިލީއާއި ރެއިންޑާސްގެ ހަމަލާތައް ޑޯޓްމުންޑްގެ ކީޕަރު ގްރެގޯ ކޮބެލް މަތަކުރި އިރު، ފޮޑެން ވަނީ އޭނާގެ ދެވަނަ ގޯލް ޖަހައި ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ޑޯޓްމުންޑުން 72 ވަނަ މިނެޓުގައި ވަލްޑެމާ އެންޓަން ޖެހި ގޯލުން އުންމީދެއް ހޯދި ނަމަވެސް، ރަޔަން ޗާކީ ވަނީ ސިޓީގެ ހަތަރު ވަނަ ގޯލާއެކު މެޗު ޔަގީން ކޮށްދީފައެވެ.

ޗެލްސީން ރޭ ރަށުން ބޭރުގައި ގަރަބާގް އެފްކޭ ކައިރިން 2-2 އިން އެއްވަރުވި އިރު، އެމެޗުގެ 16 ވަނަ މިނެޓުގައި ވިލިއަން އެސްޓެވާއޯ ޗެލްސީއަށް ލީޑު ނަގައިދިނެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ގަރަބާގުން މެޗު އަނބުރާލިއެވެ.

އެޓީމުގެ ގޯލްތައް ޖެހީ ލެއާންޑްރޯ އަންދްރާޑޭއާއި މާކޯ ޔަންކޮވިޗެވެ. މެޗުން ޗެލްސީ ބަލިވިޔަ ނުދީ ހިފަހައްޓާލީ ދެވަނަ ހާފުގައި އެލެހާންޑްރޯ ގާނާޗޯ ޖެހި ގޯލުންނެވެ.

ބާސާއިން ރަށުން ބޭރުގައި ކްލަބު ބްރޫޖާ ދެކޮޅަށް ކުޅުނު އިރު، ބާސާގެ ފުރަތަމަ ދެ ގޯލް ޖެހީ ފެރާން ޓޮރެސްއާއި ލެމީން ޔަމަލެވެ. އަނެއް ގޯލަކީ ކްރިސް ޒޮލިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ބްރޫޖްގެ ގޯލްތައް ޖެހީ ނިކޮލޯ ޓްރެސޮލްޑީއާއި ކާލޮސް ފޯބަސްއެވެ. ފޯމަސް މެޗުގައި ދެ ގޯލް ޖެހިއެވެ.