ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާ ނުކުރަން އެޗްޑީސީން ނިންމި ނިންމުން ބަދަލުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައިވަނިކޮށް، އެޗްޑީސީން އެ މަގާމުތައް އުވާލައިފިއެވެ.

ޔާމީން، އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އެއީ އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އުސޫލުން ދިން ވަޒީފާއެކެވެ. އެ ކޮންޓްރެކްޓު އާ ނުކުރާނެކަން އެޗްޑީސީން ޔާމީނަށް އަންގާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެހެންވެ އެޗްޑީސީގެ އެ ނިންމުން ޔާމީންގެ ފަރާތުން ވަނީ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އެޗްޑީސީގެ ވަޒީފާގައި ޔާމީން ހުންނެވީ މުއްދަތެއް ނެތް ގޮތަކަށް ދާއީމީކޮށް ކަމަށެވެ. އެހެންވެ، ޔާމީނަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި އޭނާއަށް ބަދަލުގެ ގޮތުގައި ހަމަސް ދުވަހުގެ މުސާރަ ކަމަށްވާ 144،0000 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން، އެޗްޑީސީގެ މައްޗަށް އެންގިއެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން އެޗްޑީސީގެ ފަރާތުން ވަނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ހައިކޯޓުގައި އެދިފައެވެ.

ހައިކޯޓުން އިއްޔެ ވަނީ އެޗްޑީސީން އެދުނު ގޮތަށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފައެވެ.

އެ އަމުރުގައިވާ ގޮތުން ޔާމީން އަދާކުރަމުންދިޔަ މަގާމު މިހާރު ވަނީ އުވާލައިފައެވެ.

އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރުނީ ހައިކޯޓަށް އެޗްޑީސީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ގޮތެއް ނިމެންދެން ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހިންގި ހިޔާނާތުގެ ތުހުމަތުގެ ތަހުގީގަށް އެޗްޑީސީގެ ވަޒީފާއިން ސަސްޕެންޑުކުރި 15 މުވައްޒަފުންގެ ތެރޭގައި ޔާމީންވެސް ހިމެނެއެވެ. ނަމަވެސް ފަހުން އެޗްޑީސީން ވަނީ ޔާމީން ހިމެނޭހެން ސަސްޕެންޑުކުރި ގިނަ މުވައްޒަފުންތަކެއްގެ ސަސްޕެންޝަން އުވާލައިފައެވެ.