ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދަރިވަރުންނަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ ކޯ-ލިވިން ރެސިޑެންސް "އެކުވެހި" ވަރަ އެކްސްޕޯ 2026 ގައި ދައްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުުގައި ތައުލީމު ހާސިލުކުރުމަށް ރަށްރަށުން މާލެ ސަރަހައްދަށް އަންނަ ދަރިވަރުންނަށް ރައްކާތެރި އަދި އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން އެޗްޑީސީން ގާއިމުކޮށްފައިވާ މި މަޝްރޫއަކީ ހަމައެކަނި ދިރިއުޅޭނެ ތަނެއް ނޫން ކަމަށާއި، ދިވެހި ޒުވާނުންގެ ތައުލީމީ މުސްތަގުބަލަށް އެޅޭ ގައުމީ ބިންގަލެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. އެކްސްޕޯގެ ތެރެއިން "އެކުވެހި"އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބުމުގެ އިތުރުން، އެ ތަނަށް ޒިޔާރަތްކޮށް ބެލުމުގެ ފުރުސަތުވެސް ހުޅުވައިލެވޭނެއެވެ.

27 ނޮވެމްބަރު 2026، ދަރިވަރުންނަށް ހާއްސަ ރެސިޑެންސް "އެކުވެހި" -- ފޮޓޯ/ އެޗްޑީސީ

"އެކުވެހި" މި ނަމުގައި "އެކު" އަދި "ވެހި" މި ދެ ލަފުޒު ގުޅިފައިވާ އިރު، އެ ނަން ރަމްޒުކޮށްދެނީ އެކުވެރިކަމާއި އަމިއްލަވަންތަކަމާއި އެއްބައެއްވަންތަކަމެވެ. މި ތަން ފަރުމާކޮށްފައިވަނީ ދަރިވަރުން މިނިވަންކަމާއެކު ޒިންމާދާރު ދިރިއުޅުމެއް ދަސްކުރެވޭ ގޮތަށް، އެހެން ދަރިވަރުންނާ އެކީ އިޖުތިމާއީ ގުޅުންތައް ދެމެހެއްޓޭ ގޮތަށެވެ. ހާއްސަކޮށް ދަރިވަރަކު ކިޔަވަން ފޮނުވުމަށްޓަކައި މުޅި އާއިލާ މާލެ ބަދަލުވާން ޖެހޭ ހާލަތްތައް ނިމުމަކަށް ގެނެސް، އާއިލާތަކުން އުފުލާ މާލީ އަދި އިޖުތިމާއީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި އިމާރާތުގައި ޖުމްލަ 178 ޓްވިން-ޝެއަރިން ކޮޓަރި ހުންނަ އިރު، 356 ދަރިވަރުންނަށް ޖާގަ ލިބޭނެއެވެ. ކޮންމެ ދަރިވަރެއް މަހަކު ދައްކަންޖެހޭނީ 3,500 ރުފިޔާއެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި އަލަމާރިއާއި ކިޔަވާ މޭޒާއި ގޮނޑީގެ އިތުރުން ފާހާނާ ހިމެނެއެވެ. ހަމައެހެންމެ އިމާރާތުގެ ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީ އަދި ލޯންޑްރީ ހިދުމަތްވެސް ލިބެން ހުންނާނެއެވެ.

27 ނޮވެމްބަރު 2026، ދަރިވަރުންނަށް ހާއްސަ ރެސިޑެންސް "އެކުވެހި" -- ފޮޓޯ/ އެޗްޑީސީ

ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ބޭނުންތައް އެއް ތަނަކުން ފުއްދައިދިނުމަށް، ގްރޫޕް ސްޓަޑީއަށް ހާއްސަ ބައްދަލުވުމުގެ ކޮޓަރިތަކާއި ރެސްޓޯރެންޓާ ގުޅިފައިވާ ކޯ-ވޯކިން ސްޕޭސްއަކާއި އާންމު ލައުންޖެއް ގާއިމުކޮށްފައިވާ އިރު، ޓެރަސްގައި އައުޓްޑޯ ޖިމެއްވެސް ހުރެއެވެ. ތިރީ ފްލޯތަކުގައި ބޭންކިން، އޭޓީއެމް، ކެފޭ، ޖިމް، ފިހާރަ އަދި ޕްރިންޓިން ސެންޓަރު ފަދަ ވިޔަފާރީގެ ހިދުމަތްތައް ހުންނަ އިރު، ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް ތަރައްގީކޮށްފައިވެއެވެ.

ސެކިއުރިޓީގެ ގޮތުން ބަލާއިރު، 24 ގަޑިއިރު ރިސެޕްޝަން ހިދުމަތާއި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމުކޮށް، ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ، ހުއްދަ ނެތް ފްލޯތަކަށް ނޭރޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުންދާ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ ހުރި، 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް "އެކުވެހި"އަށް ކުރިމަތިލެވޭނެއެވެ. މި ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހު އެޗްޑީސީގެ ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވައިލުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ސެމިސްޓާއެއް ނިމުމުން ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުމަށްފަހު އެއްބަސްވުން އާކުރެވޭ ގޮތަށް މި ނިޒާމު ވަނީ އިންތިޒާމުކޮށްފައެވެ.