ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ހުޅުމާލޭ ބީޗް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު އަދި ސޮލެންޒަރާ ހޯލްޑިންސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

26 ނޮވެމްބަރު 2026، މިނިސްޓާރ އޮފް އިންފްރާސްޓްރަކްޗާ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ހުޅުމާލެ ވޯޓާ ތީމް ޕާކްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މި މަޝްރޫއުގެ މަސައްކަތް 2017 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އޮތީ ހުއްޓިފައެވެ. އެޗްޑީސީން މި މަޝްރޫއު އަލުން ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ގޮތަށެވެ.

އެޗްޑީސީން މިއަދު ބުނީ ދެ ބަޔަކަށް ބަހާލައިގެން ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި މަޝްރޫއަކީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބިޔަ މަޝްރޫއެއް ކަމަށެވެ.

ހުޅުމާލެ ވޯޓަ ތީމް ޕާކް

އެޗްޑީސީން ބުނީ 17,800 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްގީ ކުރާ ވޯޓަ ތީމް ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތް ހިމެނޭނެ ކަމަށެވެ. މި ގޮތުން، އެ ތަނުގައި އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއެއް، 'ޓޯނޭޑޯ ސްލައިޑް'، 290 މީޓަރުގެ ދިގު 'ލޭޒީ ރިވާ'، 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް'، 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓާ ހައުސް' ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށް، ކިޑްސް ބޫމަރޭން ސްލައިޑް'، 'ޓޮޑްލާ ޕޫލް'، 'ކިޑްސް ސްލައިޑްސް' އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އެއް ހިމެނޭނެއެވެ. އަދި، މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް' އަކާއި މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް'، ކޯސްޓަލް ވޯޓާ ސްލައިޑް، 'އޯވަހޭންގިން ވިއުއިން ޕްލެޓްފޯމް' އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ތަރައްގީ ކުރާނެއެވެ.

26 ނޮވެމްބަރު 2026، ހުޅުމާލެ ވޯޓާ ތީމް ޕާކްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ޑެމޯ ޑިސައިން ދައްކާލުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ ތަނުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީ ކުރަން އާ މާސްޓާ ޕްލޭންގައި ހިމަނާފައިވާ އިރު، ފަސް ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ހާއްސަ ތަންތަނުގެ އިތުރަށް މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ވެސް ހިމެނޭނެއެވެ.

ވޯކޯ ރިސޯޓް ހޮޓެލް

ޓަރުވޯޓާ ތީމް ޕާކާ ގުޅިގެން ތަރައްގީކުރާ ހޮޓަލުގައި ޖުމުލަ 250 ކޮޓަރި އާއި ސުއިޓް ހިމެނެއެވެ. މީގެ އިތުރުން 95 ސާވިސްޑް އެޕާޓްމަންޓާއި ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ހޮޓެލް ވިލާ ހިމެނެއެވެ.

މީގެ އިތުރުން، 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގަ އާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި 3,550 އަކަމީޓަރުގެ ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް ވެސް ތަރައްގީ ކުރާނެއެވެ. އަދި، މިހާރު ހުރި އިމާރާތްތައް ވެސް މަރާމާތުކޮށްގެން ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

26 ނޮވެމްބަރު 2026، ހުޅުމާލެ ވޯޓާ ތީމް ޕާކްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ޑެމޯ ޑިސައިން ދައްކާލުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ވޯކޯ ރިސޯޓް ހޮޓެލް ތަރައްގީ ކުރާނީ 23,749.7 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމު ވެސް ހުންނާނެއެވެ.

އެޗްޑީސީން ބުނީ ވޯޓާ ތީމް ޕާކު މަޝްރޫއު އަލުން ފެށުމަކީ، ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް، ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ހައްލު ހޯދައިދީ، އެ ތަންތަނުގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.