އުންމީދަކީ މިއަދު އަލުން ފެށި ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއުގެ ދަށުން 500 ވަޒީފާ އުފެއްދުން ކަމަށް އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހުޅުމާލޭ ބީޗް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހްމަދު ޒުހައިރު އަދި ސޮލެންޒަރާ ހޯލްޑިންސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ މިއަދު ފެށި ވޯޓާ ތީމް ޕާކްގެ މަސައްކަތަކީ ފެށުމެއް ނަމަވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ ކުޑަ ކާމިޔާބެއް ނޫން ކަމަށާއި ބޮޑު މަސައްކަތެއް ކަމަށާއި މިއީ އެޗްޑީސީގެ ހީވާގި މުވައްޒަފުންނާއި ސަރުކާރުގެ ކަމާ ބެހޭ ބޭފުޅުން ރެއާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މިއަދު އަލުން އަމަލީ މަސައްކަތް ފެށި ވޯޓާ ތީމް ޕާކަކަކީ ނުވަ އަހަރު ވަންދެން ހުއްޓިފައި، ނުވާނެ ކަމަށް ބުނެ، ލައްޕާލާފައި އޮތް ފޮތެއް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމާ އެކު، މިއަދު ފެށި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ މޫނުމަތި ބަދަލުވެ، އިގުތިސޯދަށް އާ ދިރުމެއް ލިބޭނެ ކަމަށެވެ. އާ ވަޒީފާ ދޮރުތަކާއި ފިޔަފާރީގެ ފުރުސަތުތަކާ އެކު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު މި މަސައްކަތް ފެށި ވޯޓާ ތީމް ޕާކާއި ހޮޓެލްއަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ހުޅުމާލޭގެ އިގުތިސާދަށް އަންނާނެ އާރޯ ކަމެއް. މި ފެށީ މީގެ ކުރިން ފަޅުވެފައި އޮތް ބިމެއް ދިވެހި އާއިލާތަކަށް ހިތްފަސޭހަ އުފާވެރި މަންޒިލަކަށް ބަދަލުކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށާއި ދިވެހި ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ވިޔަފާރިތަކަށް އާ ދިރުމެއް ލިބި، ފަތުރުވެރިކަމުގެ އާ ބާބެއް ހުޅުމާލޭގެ އައްސޭރިފަށުން ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި މަޝްރޫއު ނިމޭއިރު، މުޅިން އާ 500 ވަޒީފާ މި ތަނުން އުފެއްދުން. އޭގެ ތެރެއިން 85 ޕަސެންޓް ވަޒީފާ ދިވެހީންނަށް ހާއްސަކުރުން، އަދި އަންހެނުންނަށް 45 ޕަސެންޓް ވަޒީފާ ހާއްސަކުރުން،" ޒުހައިރު ވިދާޅުވިއެވެ.
މި ފެށި މަސައްކަތަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި މިއީ އިންސާނީ ތަރައްގީއަށް މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ފެށުން ކަމަށެވެ. އެގޮތުން އަމާޒަކީ މި ތަނުން އަހަރެއްގެ މައްޗަށް 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމުރީނު ކޮށްގެން، ވަޒީފާގެ މާހައުލަށް ނެރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް