ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން ރެއާލް މެޑްރިޑް ބަލިކުރި އިރު، އާސެނަލާއި ބަޔާން މިއުނިކުންވެސް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ވަރުގަދަ ރެއާލް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލުން ވަނީ ޗެމްޕިއަންސް ލީގު ފުރަތަމަ ބުރު ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ރެއާލަށްވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލްގެ ފަރަގުން އެޓީމު އޮތީ ފަސްވަނައިގައެވެ.
ލީގުގައި ފޯމު ދަށްކޮށް އޮތް ލިވަޕޫލުގެ ފަރާތުން ރޭ ފެނުނީ ފުރިހަަމަ މެޗެކެވެ. ފުރަތަމަ ހާފުގައިވެސް އެޓީމުގެ ފަރާތުން ބޮޑެތި ނުރައްކާތަކެއް ފެނިގެން ދިޔައެވެ. ޑޮމިނިކް ޒޮބޮސްލާއީގެ ރަނގަޅު ދެ ހަމަލާއެއް ރެއާލް ކީޕަރު ޓީބޯ ކޯޓުއާ މަތަކުރި އިރު، ދެވަނަ ހާފުގައިވެސް ލިވަޕޫލް ހުއްޓުވީ އޭނާއެވެ.
ހޫގޯ އެކެޓީކޭއާއި ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ހަމަލާތައްވެސް ކޯޓުއާ މަތަކުރި އިރު، ލިވަޕޫލްގެ ގޯލް ފެނުނީ 61 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، އެެލެކްސިސް މެކް އަލިސްޓާ ގޯލަށް ވައްދާލީ ބޮލުންނެވެ.
އޭގެފަހުންވެސް މުހައްމަދު ސަލާހަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ރެއާލްގެ ކިލިއަން އެމްބާޕޭއާއި ޖޫޑް ބެލިންހަމްއަށް ލިބުނު ފުރުސަތުތަކުގައި ބޭނުން ހިފޭ ގޮތެއް ނުވިއެވެ.
ބަޔާނުން އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ ކައިރިން، ރަށުން ބޭރުގައި މޮޅުވީ 2-1 އިންނެވެ. މެޗުގެ ކުރީކޮޅުގައި ޕީއެސްޖީގެ ފަހަތުން ހެދި ގޯހެއްގައި ލުއިސް ޑިއާޒް ބަޔާނަށް ލީޑު ނަގައިދިން އިރު، 32 ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ގޯލްވެސް ޖެހީ އޭނާއެވެ.
ދެވަނަ ގޯލަކީވެސް ޕީއެސްޖީގެ ފަހަތުން ހެދި ގޯހެއްގައި ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭއަށް އަނިޔާވެ، ބާލަން ޖެހިފައިވާ އިރު، ހާފު ނިމެން ދަނިކޮށް، ޑިއާޒް ކުރި ނުރައްކާތެރި ޓެކުލެއްގައި އަޝްރަފް ހަކީމީއަށްވެސް އަނިޔާވެ ބާލަން ޖެހުނެވެ.
އެ ޓެކުލާއެކު ޑިއާޒަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ.
ދެވަނަ ހާފުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބަޔާން ކޮޅަށް 74 ވަނަ މިނެޓުގައި ޕީއެސްޖީ ގޯލް ޖެހިއެވެ. އެ ގޯލް ޖެހީ ޖާއޯ ނެވޭސްއެވެ. ނެވޭސްގެ ގޯލާއެކުވެސް ޕީއެސްޖީއަށް ޕޮއިންޓެއް ނުހޯދުނެވެ.
ބަޔާން މިހާތަނަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ޕީއެސްޖީ ތިންވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ސްލާވިއާ ޕްރާގް ބަލިކުރި އިރު، އެޓީމުން މޮޅުވީ 3-0 އިންނެވެ. ގޯލްތައް ޖަހައިދިނީ ބުކަޔޯ ސަކާއާއި މިކޭލް މެރީނޯއެވެ.
މެރީނޯ މެޗުގައި ދެ ގޯލް ޖެހި އިރު، އާސެނަލް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ. އެޓީމު އޮތީ ދެވަނައިގައެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، ޔުވެންޓަސްއާއި ސްޕޯޓިން އެއްވަރުވީ 1-1 އިންނެވެ. އެތުލެޓިކޯ މެޑްރިޑުން ޔޫނިއަން ސެއިންޓް ގިލޮއިސް ބަލިކުރި އިރު، ޓޮޓެންހަމް ވަނީ އެފްސީ ކޯޕަންހޭގަން ކައިރިން 4-0 އިން ބޮޑު މޮޅެއް ހޯދައިފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު