ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަށް ދާން އޮންނަ ވޯކްވޭ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެރޭ ފަތިހު 130،000 ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން، ކ. ހުރާގެ ދެ ގެއެއް ބަލައި ފާސްކޮށް، ގެސްޓްހައުސް ހިންގުމާ ހަވާލުވެ ހުރި މީހާގެ ފޯނު ހިފަހައްޓައިފިއެވެ.

ބީއެމްއެލް ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

ހައްޔަރުކުރި ހަތަރު މީހުން

  • މާޒިން މޫސާ، 25، ރޭޝަމް، ލ. މާވަށް
  • އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް
  • އިބްރާހީމް އަނޫފް، 24، އަޅިވިލާގެ، ކ. ގުރައިދޫ
  • ހުސައިން ޝަހުދު، 30، އަޅިވިލާގެ، ކ. ގުރައިދޫ

ކ. ހުރާގައި މިރޭ ފުލުހުން ވަނީ އެމީހުން އެ ރަށުގައި ތިބި ގެސްޓްހައުސް ހިންގުމާ ހަވާލުވެ ހުރި މީހާގެ ގެއާއި އެމީހުން ދަތުރުކުރި ލޯންޗުގެ ވެރިމީހާގެ ގެ ބަލައި ފާސްކޮށްފައެވެ.

އޭގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން، ގެސްޓްހައުސް ހިންގުމާ ހަވާލުވެ ހުރި މީހާގެ ފޯނު ވެސް ފުލުހުން ވަނީ މިރޭ ހިފަހައްޓައިފައެވެ.

އެ މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކ. ހުރާ އިންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ހުރާއަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 8:00 އެހާކަންހާއިރެވެ. އެ މީހުން ރަށުގެ އެކި ތަންތަނުގައި އުޅެ ރެސްޓޯރެންޓުތަކުން ހިދުމަތްވެސް ހޯދައިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުން ޖޯއްޔެއްގައި ތިއްބައި ފުލުހުން ވަނީ އެތަނަށް ގޮސްފައެވެ. ފުލުހުން އެތަނުގައި ހަރަކާތްތެރިވި ނަމަވެސް އޭރު އެ މީހުން ހައްޔަރެއް ނުކުރެއެވެ.

އެ ހަތަރު މީހުން ވަނީ ފުލުހުންގެ ގާތުގައި "މިތިބީ ބޮއެގެން" ކަމަށް ބުނިކަން އެނގިފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާކަން އެނގިފައިވެއެވެ.

ޑޮލަރު ފޭރުމަށްފަހު އެ ހަތަރު މީހުން ހުރާއަށް ދިޔައީ ފިލަންވެގެންނެވެ.

އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހުރަޔަށް ގޮސް އެ މީހުން ތިބި ގެސްޓް ހައުސްގެ ތެރޭގައި ޑޮލަރު ގެންގުޅެ އެ ގުނާތަން އެ ތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް އިއްޔެރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނައިރު މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕަ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.

ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ. މި ލޯންޗު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.