ކ. ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރުއެވެ. ފެނަކަ ކޯޕްރޭޝަނަގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އެވެ.

މި ރަސްމިއްޔާތުގައި ޑރ. އަލީ އަޒުވަރު ވިދާޅުވީ ކުރިން ފެނަކައިން ހުރާގައި އެ ހިދުމަތްތައް ފޯރުކޮށްދިން ނަމަވެސް، އެއީ ކ. އއ. އދ. އަދި ވ. އަތޮޅަކީ ސްޓެލްކޯގެ ފަރާތުން ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ އަތޮޅުތަކެއް ކަމަށެވެ.

9 މާޗް 2026: ކ. ހުރާ ކަރަންޓާއި ފެނާއި ނަރުދަމަގެ ހިދުމަތް ސްޓެލްކޯއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވާހަކަ ދައްކަވަނީ --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

އެހެންކަމަށްވުމުން ފާއިތުވި މަދު އަހަރުތަކުގެތެރޭގައި ސްޓެލްކޯ ނުހިމެނޭހެން އެެ ޒޯނުގައި ހިމެނޭ އެހެން ރަށްތައް ބަދަލުވެގެން ދަނީ، ފެނަކައިން ސްޓެލްކޯއަށް ދޭ އެއްބާރުލުމާ އެއްކޮށް ކަމަށެވެ.

"ދަންނަވާލަން ބޭނުންވަނީ ރަށުގެ ރައްޔިތުންނަށްވެސް ސްޓެލްކޯއިން މި ހިދުމަތްތަކާ ހަވާލުވުމަށްފަހު އެހެން ރަށްރަށުގައިވެސް ސްޓެލްކޯގެ ހިދުމަތްދޭ ފެންވަރަށް ހުރާގެ ޔޫޓިލިޓީ ހިދުމަތްތައް ކުރިޔަށްގެންދިއުމުގެ މަސައްކަތްތައް ކުރިޔަށްގެންދާނަން." ޑރ. އަޒުވަރު ވިދާޅުވިއެވެ.

ހުރާގައި މި ހިދުމަތްތަކުގެ އިތުރުން، ތަރައްގީގެ އިތުރު ހިދުމަތްތަކެއް ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަމަށާއި އެ ކަމާ ގުޅުންހުރި ކަންކަން ޕްލޭނުކޮށް ރޭވިގެން ކުރިޔަށްގެންދާ ކަމަށް ނަޖާހް ފާހަގަކުރެއްވިއެވެ.

"މާދަމާ އެ ރަށުގެ ހުރިހާ ގެއެއްގެ ރީޑިންތައް ނެގި ދެން ހަދާ ބިލަކީ ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދޭ ބިލަކަށް ވެގެންދާނީ. ދެން ހުރި ހިދުމަތްތަކަށްވެސް ބަދަލުގެންނާން." ޑރ. އަޒުވަރު ވިދާޅުވިއެވެ.

9 މާޗް 2026: ކ. ހުރާގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕްރޭޗޝަންގެ މެނޭޖިން ޑިރެކްޓަރު ނަޖާހު --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

މި ރަސްމިއްޔާތުގައި ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނަޖާހު ވިދާޅުވީ އެ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގައި ރައީސްގެ ދުރުވިސްނުންފުޅު ހިމެނޭ ކަމަށެވެ.

"ކ. އަތޮޅު، މުޅި އަތޮޅަކީ ސްޓެލްކޯގެ ދަށުން ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމެއް މުއައްސަސާއެއްގެ ދަށުން ހިންގާ އަތޮޅެއްގޮތުގައި ބޭއްވުން. މިމަހުގެ ނޔަލަށް އެންމެ ލަސްވެގެން ކުރަން ޖެހޭ އިދާރީ މަސައްކަތްތައްް ނިންމައި ފުލީ 100 ޕަސެންޓު ސްޓެލްކޯގެ ކޮންޓްރޯލުގެ ދަށަށް ދެން ހުރި ކަންކަންވެސް ގެންދާނެ ކަމުުގެ ޔަގީންކަން އަރުވަން" ނަޖާހު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް ވިދާޅުވީ އެ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ ހުރިހާ ގޮތަކުންވެެސް ރަށު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް މެދުވެރިވާނެ ކަމެއް ކަމަށެވެ.