ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ކ. ހުރާ ކޮމިއުނިޓީ ކްލަބް 1-1 އިން އެއްވަރުވެއްޖެއެވެ.

މިއީ ރާއްޖޭގެ އާ ފޯމެޓްގެ ދަށުން ކޮލިފިކޭޝަން ކުޅޭ ފުރަތަމަ ފަހަރެވެ. ފުޓުބޯޅަ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް އެފްއޭއެމްއިން އިއުލާނު ކޮށްފައިވާ އާ ފޯމެޓްގެ ދަށުން އަތޮޅު މުބާރާތްތަކުގެ އިތުރުން ޒޯން އަދި ރީޖަނަލް މުބާރާތްތައް ވަނީ ކުޅެފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރާނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނާއި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނަ އަށް ދިޔަ ޓީމުތަކެވެ.

ރީޖަން ލީގުތަކަށް ބަލާ އިރު، މާލެ ރީޖަނުގެ ޗެމްޕިއަންކަން ބިސް ބުރު ސްޕޯޓްސްއިން ހޯދި އިރު، ނޯތު ރީޖަންގެ ޗެމްޕިއަނަކީ ހއ. ދިއްދުއެވެ. ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ހުރާ ހޯދި އިރު، ސައުތު ލީގުގެ ޗެމްޕިއަންކަން ހޯދީ ގދ. ގައްދުއެވެ. ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްވެސް ކޮލިފިކޭޝަންގައި ވާދަކުރާ އިރު، އޭގެ ތެރެއިން ޕްރިމިއާ ލީގަށް ދާނީ ހަތަރު ޓީމުންނެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. އަލީ ނިސްތާރު މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ގްރީން ސްޓްރީޓްސްގެ ގޯލް ޖަހައިދިނީ ހުޒާމް ހަމީދެވެ. އެއީ 31 ވަަނަ މިނިޓްގައެވެ. ފުރަތަމަ ހާފު ނިމުނު އިރުވެސް ލީޑުގައި ގްރީން އޮތް އިރު، ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެމ ހުރައިން އެއްވަރުކުރިއެވެ.

އަހުމަދު ޝަރީފް (ޑުންގާ) ހަވާލުވެހުރި ހުރައިން ގޯލް ޖެހީ 65 ވަނަ މިނިޓްގައެވެ. ހުރާގެ ގޯލް ޖެހީ ބިދޭސީ ފޯވާޑް ސާދު އަބްދުލް އަޒީޒް އިބްރާހިމެވެ.

ކޮލިފިކޭޝަނުގައި މިރޭ ކުޅޭނީ ހއ. ދިއްދުއާއި ގދ. ގައްދޫ ވާދަކުރާ މެޗެވެ.