ކ. ހުރާ ކައުންސިލުން އެ ރަށުގެ ކުޅީގައި ނޭޗާ ޕާކެއް ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މި މަސައްކަތުގެ މަގުސަދަކީ ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމާއި އިގުތިސޯދީ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ 12:20 ގެ ކުރިން ކަމަށް ހުރާ ކައުންސިލުން ބުންޏެވެ. އަދި މި ބިޑާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް، ކައުންސިލަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުން ގުޅައިގެން އެ މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، 5.32 ހެކްޓަރުގެ ސަރަހައްދެއްގައި އޮންނަ ހުރާ ކުޅިއަކީ މާލެ ސަރަހައްދުގައި އޮތް މިފަދަ ހަމައެކަނި ކުޅިއެވެ. ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި ދިރުންތައް ހިމެނޭ މި ސަރަހައްދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 14 ޖޫން 2006 ގައި ހިމާޔަތްކޮށްފައިވާ ތަނެކެވެ. މިއީ ތައުލީމާއި ދިރާސާތަކުގެ އިތުރުން ފަތުރުވެރިކަމަށް ވެސް މުހިންމު ސަރަހައްދެއް ކަމަށާއި މައުލޫމާތު އެއްކުރުމަށް ސްކޫލްތަކުގެ ދަރިވަރުން ވެސް މި ކުޅިއަށް ގިނައިން ޒިޔާރަތް ކުރާ ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ބޮޑު ކުޅިއެއް އޮންނަ ހުރާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ރަށެކެވެ. ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހިންގާ އެ ރަށަކީ، ހަފުތާ ބަންދުގައި ދިވެހިން ވެސް ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނައިން ގޮސް އުޅޭ މަންޒިލެކެވެ.