ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެލް ކްލެސިކޯގައި ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާ ބަލިކޮށްފިއެވެ.

ރޭ ރެއާލް ދަނޑުގައި ކުޅުނު ކްލެސިކޯގައި ރެއާލުން ބާސާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ކުޅުނު އެލް ކްލެސިކޯ ތިން މެޗުންވެސް މޮޅުވެފައި އޮތީ ބާސާއެވެ. އެ ސިލްސިލާއަށް ނިމުން ގެނެސް، ރެއާލުން ވަނީ އެއްވަނައަށް ޖެހިލައިފައެވެ.

ރެއާލަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

ރެއާލަށް ރޭގެ މެޗުގައި ވިދާލީ ޖޫޑް ބެލިންހަމްއާއި ކިލިއަން އެމްބާޕޭއެވެ.

މެޗުގެ 22 ވަނަ މިނެޓުގައި އެމްބާޕޭ ލީޑު ނަގައިދިނީ ބެލިންހަމްގެ ތުރޫ ބޯޅައެއްގެ ބޭނުން ހިފައިގެންނެވެ. ބެލިންހަމްގެ ޕާސް ހޯދައި، އެމްބާޕޭ އޭރިއާ ތެރެއިން ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.

އެ ގޯލާއެކު ރެއާލުން ލީޑު ނަގައި، އޭގެފަހުން ބޮޑަށް ނުރައްކާ ކުރީވެސް ރެއާލުންނެވެ. އެމްބާޕޭގެ އިތުރު ހަމަލާއެއް ފެނިގެން ދިޔަ އިރު، ބެލިންހަމް ފޮނުވާލި ހަމަލާ މަތަކުރީ ބާސާ ކީޕަރު ވޯޝެކް ޝެޒްނީއެވެ.

އެ ހަމަލާތަކަށްފަހު ބާސާއިން ވަނީ މެޗުގެ ލީޑު އެއްވަރުކޮށްފައެވެ. 38 ވަނަ މިނެޓުގަި އާދާ ގުލާ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ބާސާއަށް އެއްވަރުކޮށްދިނީ ފާމިން ލޮޕޭޒެވެ.

އެ ގޯލާއެކު މެޗު އެއްވަރުވި ނަމަވެސް، ބާސާއަށް މާގިނައިރު ވަންދެން ރެއާލް ހިފަހައްޓައެއް ނުލެވުނެވެ. ހާފު ނިމުމުގެ ކުރިން ވިނީޝިއަސް ޖޫނިއާ އަރިމަތިން ނަގައިދިން ބޯޅަ ބެލިންހަމް ގޯލަށް ވައްދާލިއެވެ.

ދެވަނަ ހާފުގައި ބާސާއަށް މާ ބޮޑަށް ނުރައްކާ ކުރެވިފައި ނުވާ އިރު، ރެއާލުން ބޮޑަށް ބެލީ ލީޑު ހިފަހައްޓާލެވޭތޯއެވެ. ފަހުވަގުތު ޕެޑްރީއަށް ރަތެއް ދައްކާފައިވާ އިރު، ދެވަނަ ހާފުގައި ވިނީޝިއަސްގެ ޑްރާމާއެއްވެސް ފެނިގެން ދިޔައެވެ.

ރެއާލް ކޯޗު ޒަބީ އެލޯންސޯ ވިނީޝިއަސް ބަދަލުކުރުމުން އޭނާ ރުޅި އައިސްގެން ކޯޗާ ވާހަކަ ނުދައްކާ ދިޔައީ ސީދާ ޑްރެސިން ރޫމަށެވެ. ބެންޗުގައި މަޑުކޮށްފައެއްވެސް ނުވެއެވެ.