ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް ކައިރިންވެސް މޮޅުވެއްޖެއެވެ.
މިހާތަނަށް މި ސީޒަނުގެ ލީގުގައި ބާސާއިން ކުޅުނު މެޗަކުން ބަލިވެފައެއް ނުވެއެވެ. އެޓީމުން ނުވަ މެޗު ކުޅެމ 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައި ވަނީ ނުވަ މެޗުން 22 ޕޮއިންޓެވެ. ބެޓިސް، ނުވަ މެޗުން 19 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތް ރެއާލް މެޑްރިޑަށް މި ހަފުތާގެ މެޗުން މޮޅުވެ ކުރިއަށް ޖެހިލެވެން އެބައޮތެވެ. ރެއާލަށް އަށް މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.
ރޭގެ މެޗު ފެނިގެން ދިޔައީ ޑްރާމާ ބޮޑުކޮށެވެ. ޖުމުލަ ހަތް ގޯލް ފެނިގެން ގޮސްފައިވާ އިރު، ލަމީން ޔަމާލްގެ މޫނު މަތީގައި ބޮލުން ޖެހުމުން ފަކުންޑޯ ބާނާލްއަށް ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ރަތް ކާޑު ދައްކައިފައެވެ.
ބެލޮންޑިއޯއަށް ވާދަކުރަމުންދާ ޔަމާލް، މެޗުގެ 10 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނެވެ. އެއީ ހިތްގައިމު ގޯލެއްވެސް މެއެވެ. އަރިމަތިން ބޯޅަ ހިފައިގެން ގޮސް، އޭރިއާ ކަނުން ކަހަލަ ގޮތަކަށް އޭނާ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.
އެހެން ނަމަވެސް 30 ވަނަ މިނެޓުގެ ކުރިން ބެޓިސްއިން ނަތީޖާ ހަމަހަމަކުރިއެވެ. ވަލެންޓީން ގޮމޭޒް، ފޯނާލްސްގެ ޕާހަކުން ޖެހި އެ ގޯލާއެކު ބެޓިސްއިން އެއްވަރުކުރި ނަމަވެސް، 41 ވަނަ މިނެޓުގައި ރޮޑްރީ ވަނީ ބާސާއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނެޓް ފަހުން ޖިއޮވާނޯ ލޮ ސެލްސޯގެ ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އެއީ ގޯލެއް ކަމަށް ނުބެލިއެވެ. އެއީ ގޫޗޯ ހެނާންޑޭޒް އަތުގައި އޭގެ ކުރިން ބޯޅަ ޖެހުނު ކަމަށް ބަލައިގެންނެވެ.
ދެވަނަ ހާފު ފެށިތަނުން ޔަމާލް ތަނަވަސްކުރި ފުރުސަތެއްގައި ގެބްރިއަލް ޖީސަސް ބާސާއަށް ތިންވަނަ ގޯލެއްވެސް ޖަހައިދިން އިރު، އޭގެ ދެމިނެޓް ފަހުން ބެޓިސްގެ އަބްދޭ އަޒަލްޒޫލީ ވަނީ އެޓީމަށް އިތުރު ގޯލެއް ޖަހައިދީފައެވެ. އެހިސާބުން ހިތްވަރެއް ހޯދިތަނާ ބާނާލަށް ރަތެއް ދެއްކުމާއެކު ބެޓިސްއަށް އުނދަގޫތަކެއް ދިމާވިއެވެ.
ބާސާގެ ފަހު ދެ ގޯލް ޖަހައިދިނީ އެރިކް ގާސިއާއާއި ޑެނީ އޮލްމޯއެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ރަފީނިއާ ކުޅުމަށް ނުކުމެފައިވާ އިރު، އަލުން އޭނާ ފިޓްވުން އެއީ ލިބުނު ހިތްވަރަކަށްވާނެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ކޮމެންޓް